13 ޖުލައި 2017 - 06:14

ސަލްމާން ޚާން ޕްރޮޑިއުސްކޮށް ލީޑް ރޯލު ކުޅެފައިވާ "ދަބަންގް" އާއި "ދަބަންގް 2" އަކީ ވަރަށް ކާމިޔާބު ފިލްމު ތަކެކެވެ. އެހެންވެ ސަލްމާންގެ ފޭނުން މި ސިލްސިލާގެ ތިން ވަނަ ފިލްމަކަށް އަންނަނީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް ތިން ވަނަ ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ނުވެގެން ސަލްމާން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ދާދިފަހުން ފެތުރުނެވެ.
"ދަބަންގް 2" ޑައިރެކްޓްކުރި ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ތިން ވަނަ ފިލްމު ޑައިރެކްޓްކުރުމުގެ ޝައުގުވެރިކަމެއް ނެތެވެ.
އެހެންވެ ސަލްމާންގެ ގާތް އެކުވެރިއެއް ކަމަށްވާ ޕްރަބޫދޭވާ އަށް މި ފިލްމު ޑައިރެކްޓްކުރުމުގެ ޒިންމާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.
ސަލްމާންގެ ގާތް މީހަކު ފިލްމްފެއާ އަށް ކިޔައިދީފައިވާ ގޮތުގައި "ދަބަންގް 2" ވެސް ޑައިރެކްޓްކުރަން އަސްލު އަރްބާޒް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެއްސި އަބިނެވް ކަޝޭޕް އާއި ސަލްމާން މެންނާ މައްސަލަޖެހި އެންމެ ފަހު ވަގުތު އޭނާ އެ ފިލްމާ ދުރަށް ދިއުމުން ހަދާނެގޮތެއް ނެތިގެން އަރްބާޒް ފިލްމު ޑައިރެކްޓްކުރުމާ ހަވާލުވީ އެވެ. އެހެންވެ މިފަހަރު އޭނާ އެއްގޮތަކަށް ވެސް "ދަބަންގް 3"ގެ މަސައްކަތް ކުރާކަށް އެއްބަހެއް ނުވި އެވެ.
ސަލްމާނާއި ޕްރަބޫދޭވާ ގުޅިގެން 2008 ގައި އުފެއްދި "ވޯންޓެޑް" ވެފައިވަނީ ސަލްމާންގެ ފިލްމީ ކެރިއަރު ހަމަ މަގަށް އަޅުވާލި ކާމިޔާބު ފިލްމަކަށެވެ. އަދި ޕްރަބޫދޭވާ އާއި ސަލްމާންގެ ގާތް ގުޅުމުގެ ސަބަބުން އެހެން ގިނަ ޑައިރެކްޓަރުންނަށް ނޭނގޭ މިންވަރަކަށް ސަލްމާންގެ މިޒާޖާއި ކަންތައްތައް ހުންނާނެ ގޮތް ޕްރަބޫދޭވާ އަށް މާ ބޮޑަށް ވެސް އެނގެ އެވެ.
"ދަބަންގް 3" ޑައިރެކްޓްކުރަނީ އޭނާކަން ޚުދް ޕްރަބޫދޭވާ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ސަލްމާން ބުނި ކޮންމެ ފިލްމެއްގެ މަސައްކަތް ކުރަން އޭނާ ތައްޔާރެވެ. އެއްވެސް މީހަކު ސަލްމާނަށް ނޫނެކޭ ނުބުނާނެ ކަމަށް ވެސް ޕްރަބޫ ބުންޏެވެ.