13 ޖުލައި 2017 - 06:19

މަޝްހޫރު ފިލްމު ޑައިރެކްޓަރު މަދުރް ބަންޑާރްކަރްގެ އެންމެ ފަހުގެ ފިލްމު "އިންދޫ ސަރްކާރް" އަށް ސެންސަރު ބޯޑުން ވަނީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެފަ އެވެ. ފިލްމުގައި ބޭނުންކޮށްފައި ހުރި ބައެއް ބަސްތައް ވެސް އުނިކުރަން ސެންސަރު ބޯޑުން އަންގާފައި ވާއިރު މަދުރް ބުނަނީ އެފަދަ ބަދަލުތަކެއް ގެނެސްފި ނަމަ ފިލްމުގެ ފުރިހަމަކަމަށް އުނިކަން އަންނާނެ ކަމަށެވެ.
މަދުރްގެ "އިންދޫ ސަރްކާރް" އަކީ 77-1975 އަށް އިންޑިއާގައި ހިންގި އިމަޖެންސީގެ ދުވަސްވަރުގެ ހާދިސާތަކަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. އިންޑިޔާގެ ސެންސަރު ބޯޑަށް މި ފިލްމު ދައްކާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއަށްފަހު ސެންސަރު ބޯޑުން ވަނީ 12 މަންޒަރެއް އެޑިޓްކޮށް ދެ ތަނެއްގައި ޑިސްކްލެއިމާ އެރުވުމަށެވެ. މިކަމާ ޑައިރެކްޓަރު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
"ފިލްމުގެ އެންމެ ތަންކޮޅެއް ވެސް ބަދަލުކުރާކަށް އަހަރެން ބޭނުމެއް ނޫން. އޭރުން ފިލްމުގެ ރަހަތައް ގެއްލޭނެ. އެހެންވެ ރިވަޒިން ކޮމެޓީއަށް ފުރަތަމަ ގޮސްގެން ގޮތެއް ވޭތޯ ބަލާނީ. އެތަނުން ފިލްމުގެ މަންޒަރެއް ކަނޑާނުލާ ސަލާމަތްވާނެ ކަމަށް އުންމީދުކުރަން. އެތަނުން ވެސް ނުވެއްޖެނަމަ ދެން ޓްރައިބިއުނަލް އަށް ދިއުން ނޫން ގޮތެއް ނޯންނާނެ،" މަދުރް އިންޑިއަން އެކްސްޕްރެސް އަށް ބުނެފައިވެ އެވެ.
ފިލްމުގެ ބައެއް ޑައިލޯގްތައް ވެސް ސެންސަރު ބޯޑުން ފާސްކޮށް ނުދީ ޑައިލޯގް ބަދަލުކުރަން ބުނެފައިވާ ކަމަށް ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ.
ނީލް ނިތިން މުކޭޝް އާއި ކީރްކީ ކުލްހާރީ، ސުޕްރިޔާ ވިނޯދް، އަނޫޕަމް ކޭރް، ތޯތާ ރޯއި ޗައުދަރީ މުހިއްމު ރޯލުތައް ކުޅެފައިވާ "އިންދޫ ސަރްކާރް"ގެ ކެރެކްޓާތަކަކީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީ އާއި އޭނާގެ ދަރިފުޅު ސަންޖޭ ގާންދީގެ ދިރިއުޅުމާ ވަރަށް ގުޅޭ ކެރެކްޓާތަކެކެވެ. އެހެންވެ އިންޑިއާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އަދި އިންދިރާ އާއި ސަންޖޭ ގާންދީ ނިސްބަތްވާ ކޮންގްރެސް އިން ވެސް މި ފިލްމާ މެދު ވަނީ ހިތްހަމަނުޖެހިފަ އެވެ.
ކޮންގްރެސްގެ މުމްބައި ޕްރެޒިޑެންޓް ސަންޖޭ ނިރޫޕަމް މިދިޔަ ހަފުތާގައި ސެންސަރު ބޯޑުގެ ޗެއާމަން ޕެހްލަޖް ނެހެލާނީ އަށް ވަނީ ސިޓީ އެއް ވެސް ފޮނުއްވާފަ އެވެ. އެ ސިޓީގައި "އިންދޫ ސަރްކާރް" ސެންސަރު ކޮށް ސެޓްފިކެޓް ދޫކުރުމުގެ ކުރިން އެމީހުން ބަލާލާނެ ފުރުސަތު ހޯދައިދިނުމަށް އެދިފައިވެ އެވެ.
ޖުލައި 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ވާހަކައާ ހިތްހަމަނުޖެހިގެން ސަންޖޭ ގާންދީގެ ދަރިއެއް ކަމަށް ބުނާ ޕްރިޔާ ސިންގް ޕޯލް ވެސް ވަނީ މި ފިލްމާ ހިތްހަމަނުޖެހި ދިއްލީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.