12 ޖުލައި 2017 - 12:44

ލަންޑަން (ޖުލައި 12) - އަންނަ ސީޒަނުގައި ކާމިޔާބު ހޯދޭ ވަރުގެ ޓީމެއް އެކުލަވާލާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޝާލްކާ އަށް ކުޅޭ ފުލްބެކް ސައިދު ކޮލަސިނަޗާއި ލިޔޯންގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓޭ ގެނެސްފަ އެވެ. މީގެ އިތުރުން އާސެނަލުން އަންނަނީ މޮނާކޯގެ ދެ ކުޅުންތެރިން ކަމަށްވާ ތޯމަސް ލެމާ އާއި ކިލިއަން އެމްބާޕޭ ގެންނަން މަސައްކަތް ކުރަމުންނެވެ.
"އަންނަ ސީޒަނަށް އަހަރެންގެ ވިސްނުމަކީ ތަށި ހޯދޭނެ ފެންވަރުގެ ޓީމެއް އެކުލަވައިލުން. އެ ފެންވަރުގެ ކުޅުންތެރިންނަށް ޓާގެޓް މި ކުރަނީ. ތެދެއް އެމްބާޕޭ އާއި ލެމާ އަކީ އަހަރެމެން ފާރަލަމުން އަންނަ ދެ ކުޅުންތެރިން. މި ދެ ކުޅުންތެރިން ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ވެންގާ ބުންޏެވެ.
އާސެނަލްގެ އަލެކްސިސް ސަންޗޭޒާއި އޮލިވިއޭ ޖިރޫ އަދި އޮކްސްލޭޑް ޗެމްބަލެއިން މި ފަހަރުގެ ޓްރާންސްފާގައި އެ ކްލަބް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ވެންގާ ބުނީ އެ އާސެނަލްގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއަކު އެހެން ޓީމަކަށް ބަދަލުވާނީ އެ ކްލަބުން ވެސް ބޭނުންވާ ނަމަ ކަމަށެވެ.
"ސަންޗޭޒާއި ޖިރޫ އަދި ޗެމްބަލެއިން އަކީ އެންމެ މުހިއްމު ތިން ކުޅުންތެރިން. މި ތިން ކުޅުންތެރިން ވެސް ތިބީ އާސެނަލްގެ ކޮންޓްރެކްޓްގައި. އަބަދުވެސް ކުޅުންތެރިން ޓީމު ދޫކޮށްލާ ވާހަކަ ތަކަށް މީޑިއާ އިން ޝައުގުވެރިވާނެ. އެކަމަކު ޓީމު ވަރުގަދަ ނުވާތީ ފާޑުކިޔަނީ ވެސް މީޑިއާތަކުން،" ވެންގާ ބުންޏެވެ.
ސަންޗޭޒަށް ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީން ފާރަލަމުން އަންނައިރު، ލިވަޕޫލުން ވަނީ ޗެމްބަލެއިން ގެންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ޖިރޫ ހޯދަން ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފާއިތުވި ސީޒަނުގެ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އާސެނަލަށް ޖާގަ ނުލިބުމުން ކުރިއަށް އޮތް ސީޒަނުގައި އެ ޓީމު ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ. މިއީ ވެންގާ ހަވާލުވި ފަހުން އެ ޓީމު ޗެމްޕިއަންސް ލީގުގައި ވާދަނުކުރާ ފުރަތަމަ އަހަރެވެ.