12 ޖުލައި 2017 - 11:44

ވޮޝިންޓަން (ޖުލައި 12) - މިސައިލުން ދިފާއުވެވޭ ނިޒާމް އެމެރިކާ އިން ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި އެވެ.
ޕެސިފިކް ކަނޑުގައި ކުރި ޓެސްޓްގައި ޓާމިނަލް ހައި އެލްޓިޓިއުޓް އޭރިއާ ޑިފެންސް ނުވަތަ ތާޑް ސިސްޓަމް ބޭނުންކޮށްގެން ބެލިސްޓިކް އިންޓަމީޑިއޭޓް ރާސްތާގެ މިސައިލެއް ވަނީ ހުއްޓުވައިފަ އެވެ. އެމެރިކާ އިން ބުނީ މިއީ މަސްތަކެއް ކުރިން ޕްލޭންކޮށްފައިވާ ޓެސްޓެއް ކަމަށެވެ. ނަމަވެސް ޓެސްޓްކޮށްފައި މި ވަނީ ނޯތު ކޮރެއާ އިން ދިގު ރާސްތާ މިސައިލެއް ޓެސްޓްކުރި ދަނޑިވަޅާ ދިމާކޮށެވެ.
މި މަހު 4 ވަނަ ދުވަހު ނޯތު ކޮރެއާ އިން ވަނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ޓެސްޓްކޮށްފަ އެވެ. ނޯތު ކޮރެއާ އިން ބުނެފައި ވަނީ ކާމިޔާބުކަމާ އެކު ޓެސްޓް ކުރި މިސައިލަކީ ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭވަރުގެ މިސައިލެއް ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ އެއީ މެދުރާސްތާ މިސައިލެއް ކަމަށެވެ.
އެމެރިކާ އިން ވަނީ ގުއާމް އާއި ސައުތު ކޮރެއާގައި ތާޑް މިސައިލް ސިސްޓަމް ހަރުކޮށްފަ އެވެ. ސައުތު ކޮރެއާގައި ސިސްޓަމް ބަހައްޓާފައި ވަނީ މެދުތެރޭގެ ސެއޮންޖީގައި ކުރިން ގޮލްފް ކޯހެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގަ އެވެ. ޗައިނާ އާއި ރަޝިޔާ އިން މި މަހު ވަނީ އެމެރިކާ އިން ސައުތު ކޮރެއާގައި ތާޑް ސިސްޓަމް ހަރުކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.