12 ޖުލައި 2017 - 11:10

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޕީޕީއެމުން ވަކިކޮށްދިނުމަށް އެ ޕާޓީން ދެކޮޅު ހަދައިފި އެވެ.
ޕީޕީއެމުން ވަކިކޮށްދިނުމަށް މުސްތަފާ މިދިޔަ ހޯމަދުވަހު އެދިވަޑައިގަތުމުން، ޕީޕީއެމުން އޭނާ އަށް އިއްޔެ ފޮނުވި ސިޓީގައި ބުނީ މުސްތަފާއާ ގުޅޭ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ސުލޫކީ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅާފައިވާތީ، އެކަން ބަލައި ނިމުމުން ޖަވާބެއް ދޭނެ ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ސިޓީއާ އެކު މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީއެއް ފޮނުއްވީ، ޕީޕީއެމުން ވަކިކޮށް ނުދީގެން ކަމަށެވެ.
"ދެން ކޮން ސުލޫކީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ.ގެ ދޭއްގައި ބުނާފައިވާ ގޮތުން ޕާޓީން ވަކިވާން އެދިއްޖެ ނަމަ އެ މީހަކު ޕާޓީން ވަކިވާނެ އެވެ. އަދި މީގެ ކުރިން ޕީޕީއެމުން އަމަލްކޮށްފައި ވަނީ ވެސް އެގޮތަށެވެ. އެއީ ޕާޓީން ވަކިވާން އަމިއްލަ އަށް އެދިއްޖެ ނަމަ ވަކިކޮށްދިނުމެވެ.
މުސްތަފާ ވިދާޅުވީ ޕާޓީއެއްގައި ތިބެން ބޭނުން ނުވާ މެމްބަރުން އަމިއްލަ އަށް އެ ޕާޓީއަކުން ވަކިވުމުގެ އިޚުތިޔާރު ލިބިދޭނެ ކަމަށެވެ.
"އެއީ ގާނޫނީ އެއްވެސް ބަންދުވުމެއް އޮތް ކަމެއް ނޫން،" ކުރިއްސުރެ ފެށިގެން ޕީޕީއެމް އަދި ސަރުކާރުގެ ވިސްނުމާ އެއްކޮޅަށް މަސައްކަތް ކުރެއްވުން ހުއްޓާލައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރައްވާ މުސްތަފާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުން ވަނީ އެ ޕާޓީން ވަކިވުމަށް ހުށަހަޅުއްވައިފަ އެވެ.