އިދިކޮޅު މީހުން އަރަން އޮތް "ގާ" އޮތީ ފަޅިފަޅި ވެފައި: ރައީސް
އިދިކޮޅު މީހުން އަރަން އޮތް "ގާ" އޮތީ ފަޅިފަޅި ވެފައި: ރައީސް

އިދިކޮޅު ފަރާތްތަކުން އެއްގަލަަކަށް އަރާ ތިބި ކަމަށް ބުނާއިރު، އެ ބުނާ "ގާ" މިހާރު ވެސް އޮތީ ފަޅިފަޅިވެފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މީހުން އަރަން އޮތް "ގާ" އޮތީ ފަޅިފަޅި ވެފައި: ރައީސް
އިދިކޮޅު މީހުން އަރަން އޮތް "ގާ" އޮތީ ފަޅިފަޅި ވެފައި: ރައީސް

މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ޕީޕީއެމަށް ސޮއިކުރެއްވި ރަސްމިއްޔާތަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިދިކޮޅު ސިޔާސީ ލީޑަރުން އެއްގަލަކަށް އަރައިގެން އެ މަނިކުފާނު ބަލިކުރެއްވޭނެތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ ސިޔާސީ އެކި ފިކުރު އެއްގަލަަކަށް ނާރާނެ ކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން އަރައިގެން ތިބި "ގަލުން" ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ގަލުގެ އެއް ބައި އޮތީ އިނގިރޭސި ވިލާތުގައި. އިނގިރޭސި ވިލާތުން ރާއްޖެ ވަޑައިނުގަންނަވާ ބޭފުޅެއް އެ ގަލުގައި އެންމެ އިސްކޮށް އުޅުއްވާ ކަމަށް ވަނީ. އެހެންވެ އެއްބައި އެ އޮތީ އެ ގައުމުގައި. އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް ވެސް އިނގިރޭސި ވިލާތުގައި. ދެން ގަލުގެ އަނެއް ބައި މި ކޮޅުގައި، ގާސިމް އިބްރާހީމާއި ރައީސް މައުމޫނާއި ދެން ތިއްބެވި ބޭފުޅުންގެ އަތުގައި. އެހެންވީމަ ކިހިނެއްތޯ އެއްގަލަކަށް އަރަނީ. މިހާރު ވެސް އެ އޮތީ ގާ ބައިބައިވެފައި ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް އެކުގައި މަސައްކަތް ނުކުރެވޭނެ ކަމުގެ މިސާލެއްގެ ގޮތުން ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން މިނިވަންކޮށް ނަޝީދު 2018 ގައި ވާދަކުރަން ފުރުސަތު ދެއްވަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މައުމޫން ބޭނުންވާނެތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

"އައްސަވާ ގާސިމް އިބްރާހިމް ކުރެން، ގާސިމް އިބްރާހީމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް 65 އަހަރުގެ [އިސްލާހު] ދުއްވާލާފައި ބޭނުންފުޅުތޯ ނަޝީދާ ވާދަކުރައްވަން. އައްސަވާ ރައީސް މައުމޫން އަރިހުން، އެވަރުގެ ބޮޑެތި ކަންތައްތައް މީހުން ހިފައި ހައްޔަރުކޮށްފައި އެއީ އެވަރުގެ ކަމެއް ނޫން ކަމަށް އަދަބެއް ނޫން ކަމަށް ކަނޑައަޅަން އެއްބަސްތޯ އައްސަވަބައްލަވާ. އެ ހިސާބުން ހަމަ ކޯޅެން ފަށާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ގުޅިގެން ކުރައްވަނީ އެ މަނިކުފާނަށް 2018ގެ އިންތިހާބު ކާމިޔާބު ކުރަން ހުރަސް އެޅުއްވުމުގެ މަސައްކަތެއް ނޫނެވެ. އެ ބޭފުޅުންގެ މަސައްކަތަކީ ސަރުކާރުގެ ތަރައްގީ އަށް ހުރަސް އަޅުއްވަން މަޖިލީސް ހިސޯރު ކުރެއްވުމުގެ މަސައްކަތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑު 2018 އަށް ކުރިމަތި ނުލެއްވޭނެ ފަދަ އެއްވެސް ކަމެއް އެ ތިން ބޭފުޅުން ގުޅިވަޑައިގެން ކުރެއްވި ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެއަކަށް އެ ބޭފުޅުންނަށް ނުފޫޒެއް ނުފޯރުވޭނެ. އެއީ ރައްޔިތުން ނިންމާ ނިންމުމެއް. އެ ނިންމުން ނިންމާނީ އެ މީހެއްގެ ޚިދުމަތަށް ރައްޔިތުން ބަލާފައި،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ގުޅިވަޑައިގެން މިހާރު ކުރައްވާ ހަމައެކަނި މަސައްކަތަކީ، ރައީސް ވިދާޅުވި ގޮތުގައި، މުއްދަތު ހަމަނުވަނީސް ދައުލަތް ހިންގަން ހުރަސްއަޅައި ރައްޔިތުންނަށް ލިބެން އޮތް މަންފާ ހުއްޓުވާލުމުގެ މަސައްކަތެވެ.