12 ޖުލައި 2017 - 10:51

ދޯހާ (ޖުލައި 12) - ޓެރިޒަމަށް ފައިސާ ޚަރަދު ކުރުމާ ދެކޮޅަށް ގަތަރާއި އެމެރިކާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ދޯހާ އަށް ވަޑައިގެން ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީއާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަނީ އެއްބަސްވުމަށް ތައުރީފް ކުރައްވައިފަ އެވެ.
ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު އުފެދިގެން އުޅޭ މައްސަލަގަނޑާ ގުޅިގެން ނޫން ކަމަށެވެ.
"ގަތަރަކީ އެމެރިކާއާ އެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ގައުމު. އަަދި ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުން ވެސް މި އެމްއޯޔޫގައި ސޮއި ކުރުމަށް ގޮވާލަން،" ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.
ޓިލަސަން ވިދާޅުވީ އެމެރިކާގެ އޮތީ އެންމެ މަގްސަދެއް ކަމަށާއި އެއީ ދުނިޔެ އިން ޓެރަރިޒަމް ފުހެލުން ކަމަށެވެ.
"ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމަށް ގަތަރާއި އެމެރިކާ ގުޅިގެން އިތުރު ކަންތައްތައް ކުރާނެ. މައުލޫމާތު ބަދަލު ކުރެވޭނެ. އެމެރިކާ އާއި މެދުއިރުމަތި ރައްކާތެރި ތަނަކަށް ހަދާނަން،" ޓިލަސަން ވިދާޅުވި އެވެ.
ސައުދީ އަރަބިއާ އާއި ބަހުރޭން، މިސްރު އަދި ޔޫއޭއީން ވަނީ ގަތަރުން ޓެރަރިޒަމަށް ފައިސާ ހޭދަކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ތުހުމަތު ގަތަރުން ދޮގު ކުރެ އެވެ. މި ހަތަރު ގައުމުން ވަނީ މިދިޔަ މަހު 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ޓިލަސަން މެދުއިރުމައްޗަށް ވަޑައިގެންނެވީ ގަތަރު މައްސަލަ އަށް ހައްލެއް ހޯދުމަށެވެ. ސައުދީ އަރަބިއާ، ޔުއޭއީ، ބަހުރޭން އަދި މިސްރުގެ ޚާރިޖީ ވަޒީރުންނާ ޖިއްދާގައި ޓިލަސަން މިއަދު ބައްދަލު ކުރައްވާނެ އެވެ.
ޓިލަސަން ވިދާޅުވީ އޭނާގެ ދަތުރުފުޅުގެ ބޭނުމަކީ ގަތަރު މައްސަލަ ހައްލު ކުރުމަށް ކުވޭތުގެ އަމީރު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށެވެ.