11 ޖުލައި 2017 - 23:35

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ފައިސާ ޖާޑީ" ގެ ތެރޭގައި ހުރި ސައްހަ ފައިސާގެ އަދަދަކީ ކޮބައި ކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެއްސެވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެއްވެސް އިރެއްގައި ވިދާޅުވިންތޯ ނޫސްވެރިއަކު ދެންނެވުމުން، އެމަނިކުފާނު ވިދާޅުވީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ސަރުކާރު ދަމަހައްޓަން، އަދި ދަތިވެފައި ހުރި އެކި ކަންކަމަށް އެކި މިންވަރަށް ވިޔަފާރިވެރިން ފައިސާ ދިން ކަމަށެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާއި ސިޔާސީ ކަންކަމަށް ވެސް އެކި ފަރާތްތަކުން ފައިސާ ދިން ކަމަށާއި އެ ހުރިހާ ފައިސާއެއް ހަވާލުކުރެއްވީ އަދީބާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އެ ފައިސާގެ ހިސާބުކިތާބު ވެސް ހުންނާނީ އަދީބުގެ އަތްޕުޅުގަ އެވެ. އަދި އެ ފައިސާ ހޯދުމަށް އިސްވެ މަސައްކަތްޕުޅު ކުރެއްވީ ވެސް އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު ވެސް އަދި އޭގެ ކުރިން ވެސް އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ ޖުމްލަ އަޅުގަނޑަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް. އެހެންވީމާ އަދީބުގެ އަތްޕުޅުގައި ހިސާބުތައް ހުންނާނެ. އަޅުގަނޑަށް ކަށަވަރު ކޮށްދެއްވި އަޅުގަނޑު އެންމެ ފަހުން ހައްޖަށް [2015 ވަނަ އަހަރު] ކުރި ދަތުރުގައި ހައްޖުން އެނބުރި އަންނަ ވާއިރަށް އެ ހިސާބުތަކުގެ ތަފުސީލު ދެއްވާނެ ކަމަށް. އޭގެ ބޭރުން އަދީބަށް ފައިސާ ލިބޭ ކަމެއް ނުލިބޭ ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ. އެއިރަކު ނޭނގޭ. އެކަމަކު މިހާރު އެބަ އެނގޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ޖާޑީގެ ތެރޭގައި ރައީސް ޔާމީނަށް ސައްހަ ގޮތުގައި ލިބިފައި ހުރި ފައިސާ އަކީ ކިހާވަރެއްކަން، ކޮން ނިސްބަތެއް ކަމެއް، އެ ނޫން އެހެން ގޮތްގޮތަށް ލިބިވަޑައިގެންފައި ހުރި ފައިސާ އަކީ ކޮން ނިސްބަތެއް ކަމެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ."

މިއީ ދައުލަތުގެ ފައިސާ އަށް އަދީބު ހިޔާނާތްތެރިވެފައިވާއިރު، އޭނާ ގެންގުޅުނު ފައިސާއާ ގުޅޭ ގޮތުން ފަހަކަށް އައިސް ރައީސް ޔާމީން މީޑިއާގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ޕީޕީއެމަށް ސޮއިކުރެއްވުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހަފުލާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީއޭ އުފެއްދި ދުވަސްވަރުން ފެށިގެން އަދީބު، ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި އެއީ އޭރުއްސުރެ ރައީސް ޔާމީންގެ އިތުބާރު ހޯއްދެވި ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތާއި ރައީސް ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ލޯންޗްކޮޅު ގޮއްވާލަން އުޅުނުކަން ސާބިތުވެ އަދިވެސް އެހެނިހެން މައްސަލަތަކާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލުގެ ހުކުމް މިހާރު ތަންފީޒު ކުރައްވަމުންނެވެެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.