މަރޭ އިސްތިއުފާ ދިނީއެއް ނޫން، އާ ދަތުރެއް ފެށީ!
މަރޭ އިސްތިއުފާ ދިނީއެއް ނޫން، އާ ދަތުރެއް ފެށީ!

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) މިއަދު ހަވީރު ފޭސްބުކުގައި ޖެހި ސްޓޭޓަސްއަކާ ގުޅިގެން ގިނަ ބަޔަކު ލިބުނީ ކުއްލި ސިހުމެކެވެ. "މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އަށް އަހަރު ހިދުމަތްކުރުމަށް ފަހު މިއަދު ގެޔަށް ދަނީ" ކަމަށާއި "މާދަމާ އަކީ އާ ދުވަހެއް، އާ ފެށުމެއް" ކަމަށް ޖެހުމާ އެކު ގިނަ ނޫސްވެރިން ވެސް ހީކުރީ މަރޭ އިސްތިއުފާ ދިނީ ކަމަށެވެ. އެފަދަ ކަމެއް ހިނގަން އުޅޭ ކަމުގެ އަޑުތަކެއް ވެސް އަރާފައިވާތީ އެވެ.

އެކަމަކު މަރޭ "މިހާރަ"ށް ވިދާޅުވީ އޭނާ އިސްތިއުފާ ނުދޭ ކަމަށާއި މިއަދަށް އޭނާގެ ދެ ވަނަ ދައުރުގެ މުއްދަތު ހަމަވީ ކަމަށެވެ. މާދަމާ ތިން ވަނަ ދައުރު ފެށޭއިރު އެ ދައުރަށް އިންތިހާބު ބާއްވައި މަރޭ ވަނީ ވެސް އިންތިހާބުވެފަ އެވެ. މަރޭ ވިދާޅުވީ މިދިޔަ ދެ ދައުރުގައި އޭނާ އަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވިއްޖެ ކަމަށާއި އާ ދައުރަކާ ހަވާލުވާނީ މުޅިން އާ ޗެލެންޖްތަކާ އެކު ކަމަށެވެ. އެހެންވެ އޭނާ މިއަދު އޭނާ ގެޔަށް ދަނީ ދަތުރެއް ނިންމާފައި ކަމަށާއި މާދަމާ އަކީ މުޅިން އާ ދަތުރެއް ކަމަށެވެ.

"މިދިޔަ ދެ ދައުރުގައި އަޅުގަނޑަށް ހާސިލްކުރެވުނު އެންމެ ބޮޑު ކަމަކީ މެޑަލް ހޯދިދާނެކަން އެތުލީޓުންނާއި އެތުލީޓުންގެ ބެލެނެވެރިންނަށް އަދި ޖުމްލަކޮށް ހުރިހާ ދިވެހިންނަށް ގަބޫލުކޮށްދެވުން،" މަރުޒޫގު ވިދާޅުވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި، ކުރީގެ ފުޓްބޯޅަ ކުޅުންތެރިއާ ފާހަގަކުރެއްވީ ފުޓްބޯޅަ ނޫނަސް ރާއްޖޭގައި ކުޅިވަރުތައް ކުޅެވޭ ކަމާއި އެ ކުޅިވަރުތަކުގައި ވެސް މުސްތަގްބަލް އޮތްކަން ގަބޫލުކޮށްދިނުން ކަމަށެވެ.

"މާދަމާ ތިން ވަނަ ދައުރަކާ ކުރިމަތިލާނީ މުޅިން އާ ޗެލެންޖްތަކާ އެކު. އިތުރު ކާމިޔާބީތަކެއް ހާސިލްކުރުމުގެ އަމާޒުގައި،" މަރުޒޫގު ވިދާޅުވި އެވެ.

ރާއްޖެ އަށް ބައިނަލްއަގްވަމީ ކުޅިވަރު ގޭމްސް އަކުން މިހާތަނަށް ލިބުނު ހަމައެކަނި ރަން މެޑަލް، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ހަސަން ސާއިދު ހޯދުމަށް މަގުފަހިވި އެންމެ ބޮޑު އެއް ސަބަބަކީ 2012 ވަނަ އަހަރު އޭނާ އަށް ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުން މަރޭ ހޯދައިދިން ތަމްރީން ސްކޮލަޝިޕެވެ. މީގެ އިތުރުން ވެސް އެތައް އެތުލީޓުންނަށް މަރޭ ވަނީ ފުރުސަތު ހޯދައިދީފަ އެވެ.

"މިދިޔަ އަށް އަހަރު އަހަރެންގެ ގާބިލްކަމާއި ހަކަތަ ހުރި އެންމެ މަތީ މިންވަރަކަށް، ރާއްޖޭގެ ކުޅިވަރުގެ ފެންވަރު މަތި ކުރަން މަސައްކަތްކުރިން. މިދިޔަ އަށް އަހަރު ވަރަށް ގިނަ ކަންތައްތަކެއް ވެއްޖެ. އަދި ކާމިޔާބީގެ އުފާފާޅުކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް އަހަރެންގެ ކުރިމަތީގައި އެބަހުރި. މާދަމާ އަކީ އާ ދުވަހެއް، އާ ފެށުމެއް،" މަރޭ ލިޔެފައިވެ އެވެ.

މަރޭ އެ ދިނީ ކުޅިވަރު އާއިލާ އަށް ވަރަށް ބޮޑު އުއްމީދެކެވެ!