12 ޖުލައި 2017 - 11:05

ކްލީކް ކޮލެޖުން އަލަށް ތައާރަފްކުރި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގައި ގްރޭޑް ހަތެއްގެ ފެންވަރުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
ކްލީކް ކޮލެޖުން ބުނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެގެން ޑިގްރީއާ ހަމައަށް ކިޔެވޭނެ ކަމަށެވެ.
ރާއްޖޭގެ ވަޒީފާގެ ދާއިރާއަށް އިސްކަންދީގެން ކްލިކުން ތައާރަފްކުރި މި ޕްރޮގްރާމްތަކުގެ ތެރޭގައި އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން، އެޑިޔުކޭޝަން މެނޭޖްމެންޓް، ސޯޝަލް ސާވިސަސް، ޓްރެވަލް އެންޑް ޓުއަރިޒަމްގެ އިތުރުން ބޭންކިން އެންޑް ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމެންޓް، މާކެޓިން އަދި ހިއުމަން ރިސޯސަސް ދާއިރާ ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ސެޓްފިކެޓް ތިނެއްގެ މުއްދަތަކީ 15 ހަފްތާ އެވެ. ސެޓްފިކެޓް ހަތަރެއްގެ ޕްރޮގްރާމްތަކުގައި ކިޔަވައިދެނީ އެއް އަހަރުގެ މުއްދަތަށެވެ.
ކްލީކް ކޮލެޖުން ބުނި ގޮތުގައި މި ޕްރޮގްރާމްތަކަށް ވެސް ބަހާލައިގެން ފައިސާ ދެެއްކޭނެ އެވެ. އެގޮތުން ސެޓްފިކެޓް ތިނެއްގެ ކޯސްތަކުގެ މަހު ފީއަކީ 1600ރ އެވެ. ސެޓްފިކެޓް ހަތަރެއްގެ ކޯސްތަކަށް ނަގަނީ މަހަކު 1900ރ އެވެ.
ޖުލައި މަހުގެ އިންޓޭކުގެ މުއްދަތު ހަމަވާނީ މި މަހު 19 އަށެވެ.
އާ ކޯސްތަކެއް ފެށުމުގެ މަގުސަދަކީ، ކްލީކް ކޮލެޖުން ބުނި ގޮތުގައި، މަތީ ސާނަވީ އިމްތިހާނުތަކުން ރަނގަޅު ނަތީޖާއެއް ނުލިބުނަސް ޔުނިވާސިޓީ ތައުލީމުގެ ތެރެއަށް ވަންނަން އެހީތެރިވުމެވެ.