11 ޖުލައި 2017 - 15:40

މޮސްކޯ (ޖުލައި 11) - އެމެރިކާގެ 30 ޑިޕްލޮމެޓުން ފޮނުވާލަން ރަޝިޔާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން ނިންމުމުން އެކަމަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ޑިޕްލޮމެޓުން ފޮނުވާލުމުގެ އިތުރުން ރަޝިޔާގައި ހުރި އެމެރިކާގެ މުދާ ހިފެހެއްޓުމަށް ވެސް ބައެއް އޮފިޝަލުން ދަނީ ގޮވާލަމުންނެވެ.
އެމެރިކާ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ވަނީ ރަޝިޔާގެ 35 ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލައިފަ އެވެ. އަދި އެމެރިކާގައި ހުރި ރަޝިޔާގެ ބައެއް މުދާ ހިފެހެއްޓުމަށް ފަހު، ރަޝިޔާގެ ބައެއް މީހުންނާއި ކުންފުނިތަކާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ޖަރުމަނުގައި މި މަހު 7 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ލަޑިމިއާ ޕުޓިން ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަ ނަންގަވައިފަ އެވެ. އެމެރިކާގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ ޔޫކްރޭންގެ މައްސަލައިގައި މޮސްކޯގެ ރޯލާ ގުޅިގެންނެވެ. މި ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާ އިން ވެސް ވަނީ ހުޅަނގުގެ ކާބޯތަކެތި އެތެރެ ކުރުން މަނާކޮށްފަ އެވެ.