12 ޖުލައި 2017 - 07:06

ސޮނީ ޓީވީގެ މަޝްހޫރު ސިލްސިލާ "ބޭހަދު" ގައި މާޔާ މަލްހޯތުރާގެ ރޯލު އަދާކުރާ ޖެނިފާ ވިންގެޓް އެ ސިލްސިލާގެ ތިން ވަނަ ސީޒަންގެ މަންޒަރުތަކެއް ކުޅުމަށްޓަކައި ބޯ "ތަލަކޮށްފި" އެވެ. އޭނާ ވަނީ މުމްބައިގެ ކަންހޭރީ ހޮހަޅަތަކުގެ ތެރޭގައި މި އެޕިސޯޑް ޝޫޓް ކޮށްފަ އެވެ.
ނަމަވެސް މި މަންޒަރުތައް ކުޅުމަށް ޖެނިފާ އޭނާގެ ރީތި އިސްތަށިގަނޑު ކޮށައެއް ނުލަ އެވެ. އޭނާ އަޅައިގެން ހުރީ ތަލައެއް ގޮތަށް ތައްޔާރުކޮށްފައިވާ ވިގެކެވެ. މި މަންޒަރުތަކުގައި ޖެނިފާ ފެންނަނީ ހުވަފަތް އަންހެނުން އަޅާ ކަހަލަ ހެދުމެއްގައި ހުއްޓަ އެވެ.
ސޮނީގެ ރޮމެންޓިކް ތުރިލާ "ބޭހަދް" ގެ ތިން ވަނަ ސީޒަން ފަށާއިރު ދައްކާނީ އަނެއްކާވެސް އެތައް އަހަރެއްގެ ފަހެވެ. އަދި ދެ ވަނަ ސީޒަންގައި މަރުވި ކަމަށް ބެލެވުނު މާޔާ އަނެއްކާވެސް ތިން ވަނަ ސީޒަންގައި އެނބުރި އަންނާނެ އެވެ. އެހެންކަމުން އޭނާގެ މި "ތަލަ" ސިފަޔަކީ ބަދަލުހިފުމުގެ ކަންތައްގަނޑެއްގެ ފެށުން ކަމަށް ބެލެވެ އެވެ. މިފަހަރު ސިލްސިލާގެ އެޕިސޯޑްތައް ކުރިޔަށްދާ ވަރަކަށް ވަރަށް ގިނަ ސިފަ ސިފައިގައި މާޔާ ފެންނާނެ އެވެ.
ލީޕް އެޕިސޯޑްގައި ފެންނާނީ މާޔާ މަރުވުމުން މާފަތި އަޅުވާފައި ހުންނަ ފޮޓޯއަކާއި މާ ދުރުތަނެއްގައި މާޔާ ބޯ ބާލާ މަންޒަރެވެ. ހަގީގަތުގައި މާޔާ މަރެއް ނުވެ އެވެ. ބަޔަކު އޭނާ ސަލާމަތް ކުރަނީ އެވެ. މާޔާއަށް ހޭވެރިކަން ވުމާ އެކު އޭނާގެ ފިރިމީހާ އޭނާ މަރާލަން އުޅުނު ގޮތް ހަނދާނަށް އާދެ އެވެ. އެހެންވެ އޭނާގެ ހިތުގައި ބަދަލުހިފުމުގެ ރޫހު އުފެދި ބޯ ބާލަނީ ވެސް އެ ރޫހުގަ އެވެ.
މިހާތަނަށް ވެސް "ބޭހަދު"ގައި ފެންނަނީ މާޔާ އާއި އަރްޖުންގެ ފަނާކުރަނިވި ލޯތްބެވެ. މިހާރު މި ލޯބި ބަދަލުވެފައިވަނީ ބަދަލުހިފުމުގެ ޑްރާމާ އަކަށެވެ. މިފަހަރުގެ ސީޒަން ފަށާއިރު އަރްޖުން އާއި ސާންޖް (އަނޭރީ ވަޖާނީ) މުޅިން އާ ފެށުމަކުން ދިރިއުޅުން ފަށާތަން ފެނިގެން ދާނެ އެވެ. އެހެންވެ މާޔާ އަލުން އަރްޖުންގެ ހަޔާތަށް އައިސް އެމީހުންގެ ދިރިއުޅުމަށް ބޮޑު ތޫފާނެއް ކުރިމަތި ކުރާނެ އެވެ.
ސިލްސިލާގެ ވާހަކައިގެ ދެން ފަށާއިރު ދައްކަނީ އެތައް އަހަރެއްގެ ފަސް ކަމަށް ވާތީ ވަރަށް ގިނަ އާ މޫނުތައް ވެސް އަލަށް ފަށާ ސީޒަންގައި ފެންނާނެ އެވެ. އަދި މާޔާގެ ނުރައްކާތެރިކަން އޭގެ އިންތިހާގައި ވާތަން ފެނިގެން ދާނެ އެވެ.