11 ޖުލައި 2017 - 14:37

ނައިރޯބީ (ޖުލައި 11) - ކެންޔާގެ ޕާލަމެންޓް މެންބަރުންގެ މުސާރަ ކުޑަ ކުރަން ނިންމައިފި އެވެ.
ކެންޔާ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ޕާލަމެންޓުގެ މެންބަރުންގެ މުސާރަ އިން އުނިކުރާނީ 15 ޕަސެންޓެވެ. ކެންޔާގެ ޕާލަމެންޓް މެންބަރުނަކީ ދުނިޔޭގައި ނިސްބަތުން އެންމެ ބޮޑު މުސާރަ ލިބޭ މެންބަރުންނެވެ. އެ މީހުންގެ މުސާރަ އަކީ މަހަކު 7،200 ޑޮލަރެވެ. މީގެ އިތުރުން ކޮންމެ މެންބަރަކަށް ވެސް ވަރަށް ދީލަތި އެލަވަންސްތައް ލިބެ އެވެ. ކެންޔާ މީހެއްގެ އެވްރެޖް އާމްދަނީ އަކީ މަހަކު 150 ޑޮލަރެވެ.
ކެންޔާގެ ސެލަރީސް އެންޑް ރެމިއުނެރޭޝަން ކޮމިޝަނުން ބުނީ ޕާލަމެންޓް މެންބަރުންގެ މުސާރަ އިން 15 ޕަސެންޓް ދަށް ކުރަން ނިންމީ ސަރުކާރުގެ މުސާރައިގެ ބިލް 35 ޕަސެންޓް ކުޑަ ކުރަން ނިންމާފައިވާ ޕްލޭނުގެ ދަށުން ކަމަށެވެ.
މުސާރައިގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާނީ އަންނަ މަހު 8 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު އެވެ. މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުން ކެންޔާގެ ރައީސްގެ މުސާރަ ވެސް ކުޑަކުރާނެ އެވެ. ރައީސް އަށް ލިބޭ 16،000 ޑޮލަރުގެ ބަދަލުގައި އާ މިންގަނޑުގައި ހިމަނާފައި ވަނީ 14،000 ޑޮލަރުގެ މުސާރައެއް ދިނުމަށެވެ.
ކެންޔާގެ ޕާލަމެންޓް މެންބަރުންގެ މުސާރަ ކުޑަކޮށް މުސާރަ އިން ޓެކްސް ނަގަން ކުރިން ކުރަން އުޅުނު މަސައްކަތްތަކަށް ބައެއް މެންބަރުން ވަނީ ހުރަސް އަޅައިފަ އެވެ. މެންބަރުން ބުނެފައި ވަނީ އެ މީހުންގެ ދާއިރާތަކުގެ މީހުން ވަރަށް ގިނަ ފަހަރު މެންބަރުންގެ ފަރާތުން މާލީ އެހީ އަށް އެދޭ ކަމަށެވެ.