ސީރިއާ ހަނގުރާމައިން 226 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު: ވޯލްޑް ބޭންކް
ސީރިއާ ހަނގުރާމައިން 226 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު: ވޯލްޑް ބޭންކް

ވޮޝިންޓަން (ޖުލައި 11) - ސީރިއާގައި ކުރި ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް 226 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ހަ އަހަރު ދުވަހު ކުރި ހަނގުރާމައިގައި ވަނީ 320،000 މީހުން މަރުވެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ހާލުގައި ޖެހިފަ އެވެ.

"ހަނގުރާމައިގެ ސަބަބުން ސީރިއާގެ އިޖްތިމާއީ އަދި އިގްތިސާދީ ފޭރާން ވަނީ ވީދިފައި. އޭގެ އިތުރުން މުޖްތަމަ އަށް ކޮންމެހެން ބޭނުންވާނެ، ހިނގަ ހިނގާ ހުންނަން ޖެހޭނެ މުއައްސަސާތައް ވަނީ ހުއްޓިފައި،" ވޯލްޑް ބޭންކުގެ ނައިބް ރައީސް ހާފިޒް ގާނިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2011 ވަނަ އަހަރު ފެށި ހަނގުރާމައިގެ ސަބަބުން ސީރިއާގެ ޖީޑީޕީ އަށް 226 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު އިރު އެއީ ސީރިއާގެ 2010 ވަނަ އަހަރުގެ ޖީޑީޕީގެ ހަތަރު ގުނަ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ ހަނގުރާމައިގެ ސަބަބުން ސީރިއާގެ ހައުސިން ސްޓޮކުގެ 27 ޕަސެންޓް ހަލާކުވެ އެ ގައުމުގެ ސިއްހީ އަދި ތައުލީމީ ތަންތަނުގެ ދެބައިކުޅަ އެއްބައި ބިމާ ހަމަވެފައިވާ ކަމަށެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި 2010 އާއި 2015އާ ދެމެދު އެވްރެޖްކޮށް އަހަރަކު 538،000 ވަޒީފާ ގެއްލިފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުން ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށެވެ. ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާތީ ހަނގުރާމައިގެ ސަބަބުން މަރުވާ މީހުންނަށް ވުރެ ސިއްހީ ރަނގަޅު ޚިދުމަތް ނުދެވިގެން މަރުވާ މީހުން ގިނަވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.