އަދިވެސް ސުޒޭން ވަރުގެ ކޯޗެއް ނެތް: ނަޒީހު
އަދިވެސް ސުޒޭން ވަރުގެ ކޯޗެއް ނެތް: ނަޒީހު

އޭނާގެ ބޭބެ އަލީ ސުޒޭން ނަގާފައި މި ވަގުތު ދެމެހެއްޓެނެވި ގޮތަކަށް ފުޓްބޯޅަ ކުރިއަރުވައި ކާމިޔާބު ހޯދާ ކޯޗެއް ރާއްޖޭގައި ނެތް ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ރާއްޖޭގައި މި ވަގުތު ތިބި ޒުވާން ކޯޗުންނާ ބެހޭގޮތުން ވާހަކަދައްކަމުން ނަޒީހު ބުނީ ޒުވާން ކޯޗުން ނުކުމެ ކާމިޔާބީ ހޯދާތަން ދެކެން ބޭނުންވާ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ ވަރުގަދަ ސްކޮޑެއް ވެސް ލިބިގެން ކަމަށެވެ.

"އަޅުގަނޑު އަތަށް ވަޅިއެއް ދީފައި އެއްޗެއް ކީހަން ދިނަސް ނުކިހޭނޭ. އެއީ ޔަގީންކަމެއް. ކީހޭނީ ކީހެއް ދީގެން. ވަޅިއަކުން ކިހިނެއް ކީހާނީ؟ އުމުރު ހުސްވާނީ އޭތި ކަނޑަން ހުއްޓާ. އަޅުގަނޑު އެވަރުގެ ޗެލެންޖް ކުރެވޭ ވަރުގެ ޓީމަކާ އެކު ނުކުމެއްޖެއްޔާ ކާމިޔާބު ހޯދޭނެ،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ 2007 ގައި އޭނާ ށ. ފޯކައިދޫ ގޮވައިގެން ދިވެހި ލީގުގައި ވާދަކުރިއިރު ކްލަބް ވެލެންސިއާ އަށް އޭއެފްސީ ކަޕުން ޖާގައެއް ގެއްލުނީ ފޯކައިދޫ އަށް ޕޮއިންޓެއް ގެއްލިގެން ކަމަށެވެ.

"ރަށުން ބޭރު އެންމެ ކުޅުންތެރިއެއް ގޮވައިގެން އަޅުގަނޑުމެން ކުޅުނީ. ޑޭވިޑް ބޫތާ ބައިވަރު ފޮރިން ޕްލެޔަރުންތަކެއް ލައިގެން ވެލެންސިއާ ނުކުތީ އޭއެފްސީ ކަޕުގެ ޖާގައެއް. އެ މެޗުން އަޅުގަނޑުމެންގެ އަތުން ޕޮއިންޓެއް ގެއްލުވާލައިގެން ވެލެންސިއާ އަށް ފުރުސަތު ކެޓީ. އެހިސާބުން ފޯކައިދޫ ފުޓްބޯޅައިގެ މުޅި ހިސްޓްރީ ބަދަލުވީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ އެކަމުން ވެސް އެނގެނީ އާދައިގެ ކުޅުންތެރިންތަކެއް ގޮވައިގެން ވެސް ޒުވާން ކޯޗުން ރަނގަޅު ހިސާބަކަށް ގޮސްފައިވާކަން ކަމަށާއި ރަނގަޅު ޓީމެއް ލިބިއްޖެ ނަމަ ތަފާތު ދައްކާނެ ކަމަށެވެ. އެކަމަކު މި ވަގުތު ސުޒޭން ފިޔަވައި އެކަށީގެންވާ ކާމިޔާބެއް ހޯދިފައިވާ ކޯޗެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"މިއީ އަޅުގަނޑު ބުނާ ދެރަބަހެއް ނޫން. އުނދަގޫ ވެސް ވޭ މިހެން. އެކަމަކު ބޭބެ ނަގާފައި ދެން ނެތް. ގިނައީ 45 އަހަރާ 50 އަހަރަށް ދާ ކޯޗުން ސަކްސެސްއެއް ނެތި. ދެން އިރުކޭތަ ހިފާހެން އެއްޗެއް ލިބުމަކީ ކާމިޔާބެއް ކަމަށް ނުދެކެން. ދެމެހެއްޓެނެވި ގޮތަކަށް މިކަން ކުރިއަށްގެންގޮސް ކާމިޔާބީ ހޯދާ މީގަކަށް ބޭބެ އެކަނި ހުރީ،" ނަޒީހު ބުންޏެވެ. "އަޅުގަނޑުގެ ހުވަފެނެއް އެއީ ޒުވާން ކޯޗުން ނުކުމެ ކާމިޔާބު ހޯދުން."

ވިކްޓަރީ އާއި ނިއު ރޭޑިއަންޓުގެ ކުރީގެ މިޑްފީލްޑަރު ނަޒީހު 2005 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އަންނަނީ ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. އޭނާ ވަނީ ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. އެކަމަކު އަދި އެކަށީގެންވާ ބޮޑު ކާމިޔާބެއް ނުހޯދެ އެވެ.

ނަޒީހާ އެކު ވިކްޓަރީ އަށް ކުޅެފައިވާ ސުޒޭން 2002 ވަނަ އަހަރުން ފެށިގެން ކޯޗުކަންކުރަމުން އަންނަ އިރު އޭނާ ވަނީ ވިކްޓަރީ އާއި މާޒިޔާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.