ތުއްތު ކުއްޖަކު އެއް އަހަރު ވެންޓިލޭޓަރުގައި ބާއްވައިގެން ސަލާމަތް ކޮށްފި
ތުއްތު ކުއްޖަކު އެއް އަހަރު ވެންޓިލޭޓަރުގައި ބާއްވައިގެން ސަލާމަތް ކޮށްފި

ސޫރަޖް ސިންގް އުފަންވީ ބަނޑަށް 24 ހަފުތާގަ އެވެ. އޭރު ބަރުދަނުގައި ހުރީ އެންމެ 735 ގްރާމެވެ.

އިންޑިއާގެ މުމްބައިގައި އުފަންވި މި ތުއްތު ކުއްޖާއަކީ މިހާތަނަށް އެ ސިޓީގައި އުފަންވި އެންމެ ކުޑަ އަދި ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ވެސް އެންމެ ކުޑަކޮށް ތަރަައްގީވެފައި އޮތް ކުއްޖާ އެވެ. ނަމަވެސް ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލައްވައިގެން ގެންގުޅުނު ސޫރަޖް 300 ދުވަހު އެގޮތަށް އޮތުމަށް ފަހު މިހާރު ވަނީ ގަދަވެފަ އެވެ.

ކުއްޖާގެ ފުއްޕާމެއާއި އެހެން ބައިތަކެއް މިހާރު ވަނީ ރަނގަޅަށް އުފެދިފަ އެވެ. އަދި މުމްބައިގެ ސޫރްޔާ ހޮސްޕިޓަލުން ދާދި ފަހުން ދޫކޮށްލިއިރު މިހާރު ކުއްޖާގެ ބަރުދަނުގައި ހަތް ކިލޯ އެބަހުއްޓެވެ.

ސޫރަޖަކީ އޭނާގެ މައިންބަފައިން ކަމަށްވާ ސުނީތާ އާއި އަނިލް ސިންގް ދަރިއެއް ހޯދަން 10 އަހަރު ވަންދެން ކުރި މަސައްކަތުން ލިބުނު ކުއްޖަކަށް ވުމާ އެކު ދަރިފުޅު ސަލާމަތް ކުރެވުނީތީ އެ ދެމަފިރިން ތިބީ އުފަލުން ފޮޅިފަ އެވެ.

މި ކުއްޖާއަށް ފަރުވާކުރި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވީއިރު އޭނާގެ ގުނަވަންތައް އުފެދިފައިވާލެއް ކުޑަކަމުން އޭނާއަށް ފަރުވާކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.