ބަތަލާ ކްރިތިކާ މަރާލީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު
ބަތަލާ ކްރިތިކާ މަރާލީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު

ކްރިތިކާ ޗައުދަރީ މަރާލާފައި ވަނީ ޑްރަގް ޑީލަރުން ތަކަކަށް އޭނާ ދޭން އޮތް 6000 ރުޕީސް ނުދީގެން ޖެހުނު މައްސަލަތަކެއްގައި ކަމަށް މުމްބައި ފުލުހުން ބުނެފި އެވެ.

ކްރިތިކާ މަރާލާފައި އޮއްވާ ފެނުނުތާ މަހެއްހާ ދުވަސް ފަހުން މި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކްރިތިކާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޝަކީލް ނަސީމް ޚާން، 33، އާއި ބާދުޝާހް ބާސޫދާސް މަކްމާލާލް، 40، އެވެ. ކްރިތިކާ މަރާލިކަމަށް ބެލެވޭ ރޭ މި ދެ މީހުން ކްރިތިކާގެ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ތެރޭގައި ތިއްބާ ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށްވެެ އެވެ.

އެ އިމާރާތުގެ ސެކިއުރިޓީ ގާޑު ވެސް ބުނެފައިވަނީ ކްރިތިކާގެ އެޕާޓްމަންޓަށް އެންމެ ފަހުން ވަދެފައިވަނީ މި ދެ މީހުން ކަމަށެވެ. އެއީ ކްރިތިކާ މަރުވެފައި އޮންނަތާ ދެތިން ދުވަހެއް ކުރިން ކަމަށް ވެސް ގާޑުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ކްރިތިކާ މަރާލި ކަމަށް ޝައްކު ކުރެވޭ އެކަކު އޭނާގެ ލެއިން ތަތްތެޅިފައި އޮތް ގަމީހެއް އެޕާޓްމަންޓް ތެރޭގައި ބާއްވާފައި އޮތެވެ. އެހާ ފަސޭހައިން އެމީހާ އަތުލައިގަނެވުނީ އެހެންވެ އެވެ. ކްރިތިކާ މަރާލުމުގައި ބައިވެރިވި ދެ މީހުން އެކަން ކުރުމަށް ފަހު އެ މީހުންގެ ގެއިން ވެސް ފިލައިގެން ގޮސް މާ ދުރު އެހެން ތަނެއްގައި ދިރިއުޅެމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ޕާންވޭލް ކިޔާ ހިސާބަކުން މި ދެ މީހުން ކުރެ އެކަކު ހައްޔަރުކުރެވުނު ކަމަށާއި އެމީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ކްރިތިކާ އާއި ޝަކީލް ނަސީމް ޚާން އެކަކު އަނެކަކު ދަންނަތާ ދޮޅު އަހަރު ވެދާނެ އެވެ. އަދި ކްރިތިކާ ޚާން އަތުން މަސްތުވާތަކެތި ގަނެފައިވާ ކަމަށްވެ އެވެ. ކްރިތިކާގެ ކޮއްކޮ ދީޕަކް ޗައުދަރީ ބުނަނީ އެންމެ 6،000 ރުޕީސްގެ ބޭނުމުގައި ބަޔަކު އޭނާގެ ދައްތަ މަރާލަފާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށެވެ. އަދި އޭނާގެ އާއިލާގެ އެއްވެސް މީހަކު އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ. އަދި ކްރިތިކާ މަރާލިއިރު ވެސް އޭނާގެ އަތް ދަބަހުގައި 22،000 ރުޕީސް ހުރި ކަމަށާއި މިހާރު ފުލުހުން އެ ފައިސާ އެ މީހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކްރިތިކާގެ ކޮއްކޮ ބުންޏެވެ.

ދީޕަކް ބުނި ގޮތުގައި އެމީހުންނަށް ލަފާ ކުރެވެނީ ކްރިތިކާ މަރާލުމުގެ ފަހަތުގައި ކޮންމެވެސް އެހެން ކަންތައްގަނޑެއް އޮންނާނެ ކަމަށެވެ.

މި މަރު ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވަނީ ކްރިތިކާ މަރާލުމަށްފަހު އެ ކަމުގައި ބައިވެރިވި ދެ މީހުން ކްރިތިކާގެ ހަށިގަނޑުގައި ހުރި އަގުހުރި ގަހަނާތައް ވަގަށް ނަގާފައިވާ ކަމަށެވެ.

ކްރިތިކާގެ ގައިގައި ހުރި ގަހަނާގެ އަގު 2.5 ލައްކަ އާއި ތިން ލައްކަ ރުޕީސް އަށް އަރާނެ ކަމަށް ވެސް އޭނާގެ ކޮއްކޮ ބުންޏެވެ. އަދި ކްރިތިކާގެ މަރުވެފައިވާ ހަށިގަނޑު ފެނުނުއިރު އެއްވެސް ގަހަނާއެއް ނެތް ކަމަށް ދީޕަކް ބުންޏެވެ.