11 ޖުލައި 2017 - 11:18

މާލޭގައި ދާދިފަހުން ހުޅުވި "މޫވެންޕިކް" އައުޓްލެޓްގެ ނަމުގައި، ސޯޝަލް މީޑިއާގެ "ފޭކް" އެކައުންޓްތަކުން ކަސްޓަމަރުންނަށް އޮޅުވާލާތީ އެކަމަށް ސަމާލުވުމަށް އެދެފި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މާލޭގައި ހުންނަ މޫވެންޕިކްގެ ނަމުގައި ހިންގާ ފޭކް އެކައުންޓުން ކަސްޓަމަރުންނަށް "ފްރީ ސްކޫޕެ" އެއް ލިބޭނެ ކަމަށް ބުނެ ޕްރޮމޯޝަނެއް ހިންގާ ކަމަށެވެ.
އެ އައުޓްލެޓްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު ޔޫމަން ސައީދު ވިދާޅުވީ އެތަނުން ވިއްކާ އައިސްކްރީމްގައި ބަނގުރާ ހިމެނޭ ކަމަށް ބުނާ ޕޯސްޓެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ކަމަށެވެ.
"އަޅުގަނޑުމެން ދުވަހަކު ވެސް މިތަނުން ބަނގުރައެއް ނުވިއްކާނެ. އަދި އެފަދަ ކަންތައްތައް ބަޔަކު ކުރަމުންދަނީ މިތަނުގެ އަގު ވައްޓާލަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ފޭކް" އެކައުންޓްތައް މެދުވެރިކޮށް ބައެއް ރިޒަވޭޝަން ހަދާފައިވާ ކަސްޓަމަރުންނަށް ވެސް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ކަމަށް ވެސް ޔޫމަން ވިދާޅުވި އެވެ.
މޫވެންޕިކުން ބުނި ގޮތުގައި އެތަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓް ކަސްޓަމަރުންނަށް އެނގޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުޅުވި، ޖާގަ ބޮޑު މި އައުޓްލެޓަކީ ސްވިޒަލޭންޑްގެ މަޝްހޫރު ބްރޭންޑެކެވެ. މި އައުޓްލެޓްގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވީއެޗް ހޯލްޑިން އެވެ.