11 ޖުލައި 2017 - 10:02

ޓިއުރިން (ޖުލައި 11) – ބަޔާން މިއުނިކުގެ ބްރެޒިލް ވިންގާ ޑަގްލަސް ކޯސްޓާ ޔުވެންޓަސް އަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.
ޔުވެންޓަސް އިން އައީ ކޯސްޓާ ހޯދުމަށް މޭ މަހުން ފެށިގެން މަސައްކަތްކުރަމުންނެވެ. އެކަމަކު މިހާތަނަށް ވެސް ދެ ކްލަބަށް އޮތީ އެއްބަސްވުމަކަށް ނާދެވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސްގެ ގިސެއްޕޭ މަރޯޓާ މިއަދުގެ ވަގުތެއްގައި ޖަރުމަނަށް ގޮސް އެއްބަސްވުން ފައިނަލްކުރާނެ އެވެ. އަދި މާދަމާ ކޯސްޓާ އިޓަލީ އަށް ގޮސް މެޑިކަލް ހަދައި އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.
ސްކައި ސްޕޯޓްސް އިން ބުނާ ގޮތުގައި ދެ ކްލަބުން އެއްބަސްވީ ހަ މިލިއަން ޔޫރޯގެ ލޯން އެއްބަސްވުމެއް ގާއިމްކުރާށެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމުން 40 މިލިއަން ޔޫރޯ އަށް ޔުވެންޓަސް އަށް ކޯސްޓާ ގަންނަން ޖެހޭނެ އެވެ.
ކޯސްޓާ ވަނީ މާ ކުރިން ވެސް ޔުވެންޓަސްއާ އެކު މުސާރަ އާއި އެހެނިހެން ކަންކަމާ މެދު އެއްބަސްވުމަކަށް އައިސްފަ އެވެ.
ކޯސްޓާ ވަނީ ބަޔާން މިއުނިކުން އެކަށީގެންވާ ވަގުތު ނުލިބޭތީ ހިތްހަމަނުޖެހޭކަމަށް ބުނެފަ އެވެ. މިދިޔަ ސީޒަނުގައި އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ 14 މެޗުންނެވެ. ބަޔާން އިން 2015 ވަނަ އަހަރު ޝަކްތާ ޑޮނެސްޓްކް އިން އޭނާ ގަތީ 30 މިލިއަން ޔޫރޯ އަށެވެ. އޭނާ އޭރު ވަނީ ޗެލްސީ އަށް ދާން ޝައުގުވެރިވާ ކަމަށް ވެސް ބުނެފަ އެވެ.
ކޯސްޓާ އަކީ ޔުވެންޓަސްގެ 4-2-3-1 ފޯމޭޝަށް ފިޓްވާނެ ކުޅުންތެރިއެކެވެ. ދުވެލި ބާރު މި ކުޅުންތެރިއާ އަކީ ގޯލާ ވެސް ރަށްޓެހި ކުޅުންތެރިއެކެވެ.