12 ޖުލައި 2017 - 07:03

ލިޕް ލައިނާ އަޅަން ލޯގަނޑު އެޕްލިކޭޝަނަކަށް ދެން ބޭނުމެއް ނުވާނެ އެވެ. އައިފޯން 8 ފުށުން ޖަހާލުމުން ނިމުނީ އެވެ. ބުނެވޭ ގޮތުގައި އައިފޯން 8ގެ ފަހަތް، ލޯގަނޑަކަށް ފުދެ އެވެ.
އައިފޯން 8 ތައާރުފުކުރަން ގިނަ ދުވަސްތަކެއް ނެތެވެ. އިންތިޒާރުގެ ވަގުތު ކިތަންމެ ކުރަސް، އެއީ ދިގު މުއްދަތެކެވެ.
އައިފޯން 8އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ކޮޅުން ނުލާނެ އެވެ. މި އޮތީ ވެސް ވާހަކައެކެވެ. ދެކެވޭ ވާހަކުގައި ހަރުދަނާކަމެއް ހުރި ނަމަ، އައިފޯން 8، ހަތަކު ކުލައަކުން ނެރޭނެ އެވެ. އެ ހުރިހާ ކުލަތަކެއް އަދި ކަށަވަރު ނުވި ނަމަވެސް، ލޯގަނޑަކަށް ފުދޭ ކަވަރެއް، އައިފޯން 8 އަށް ލިބޭނެ އެވެ. ހިސާބުޖަހާ މީހުން ބުނަނީ އެއީ ވެސް ކުލައެއް ކަމަށެވެ.
އެޕަލް އައިފޯން އާއިލާގައި މިހާރު ގެންގުޅޭ ކުލަތަކުން ބައެއް ކުލަތައް ބާތިލުވެ، އުވިދާނެ ކަމަށް ބުނެވެ އެވެ. އައިފޯން 8އާ އެކު އާ ކުލަތަކެއް ތައާރުފުވަނީ ކަމަށް ވެސް ވެދާނެ އެވެ. "ލޯގަނޑު ކުލަ" އެއީ ކުލައެއް ކަމަށް ބަލައިފި ނަމަ، ތެދު ހަގީގަތަކަށް ވީ އެވެ.
އައިފޯން 8އާ ބެހޭ ގޮތުން ދެން އޮތް ވާހަކަ އަކީ، އޭގައި ޓަޗް އައިޑީ ނުހިމަނާ ވާހަކަ އެވެ. ވެރި މީހާ ކަށަވަރުކުރަން ފޭޝަލް ރިިކޮގްނީޝަން ޓެކްނޮލޮޖީ ބޭނުންކުރާ ވާހަކަ އެވެ. އަދި އައިފޯން 8ގެ ސްކްރީން އެމޯލެޑް އަށް ބަދަލުވެ، ވަޔަލެސް ޗާޖިން ގާއިމުކުރާނެ ކަމަށް ވެސް ވެ އެވެ.
ވަޔަލެސް ޗާޖިންއާ ބެހޭ ގޮތުން މިހާރު ބުނެވެނީ، ވަޔަލެސް ޗާޖިން އަށް ބޭނުންވާ ހާޑްވެއާ، ފޯނާ އެކު އެޕަލުން ނުހިމަނާނެ ކަމަށެވެ. އެއީ މުޅިން ވަކިން ވިއްކާ އެއްޗަކަށް ހަދަން އުޅޭ ކަމަށެވެ.