ޕީޖީގެ ވަކީލުން ނައިސްގެން ގާސިމްގެ ޝަރީއަތް ލަސްވަނީ
ޕީޖީގެ ވަކީލުން ނައިސްގެން ގާސިމްގެ ޝަރީއަތް ލަސްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދާނެތޯ ނިންމުމަށް މިރޭ ބާއްވަން ހަމަޖެއްސި ޝަރީއަތް ނުފެށި ލަސްވަމުން އެބަދެ އެވެ.

މިރޭ 7 ޖެހިއިރު ފަށަން ނިންމާފައިވާ ޝަރީއަތް ލަސްވަމުން ދަނީ، އެނގިފައިވާ ގޮތުގައި ޕީޖީގެ ވަކީލުން ޝަރީއަތަށް ހާޒިރު ނުވެގެންނެވެ. ޝަރީއަތް ފެށުމަށް ޓަކައި، ކޯޓު ރޫމަށް ވަދެ ތިބި ނޫސްވެރިންނާއި އާންމުން ވެސް މިހާރު ވަނީ ކްރިމިނަލް ކޯޓުން ބޭރަށް ނެރެފަ އެވެ. އެހެން ނަމަވެސް އެހެން ހެދި ސަބަބެއް އަދި ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ގާސިމް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް ގާސިމްގެ މައްޗަށް ކުރެ އެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒެއް ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީސް މެދުކަނޑާލީ ގާސިމްގެ ވަކީލުން ނެންްގެވި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ. އަދި މި ދައުވާތައް ބާތިލް ކޮށްދިނުމަށް އޭނާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގަތެވެ. އިޖުރާއީ ނުކުތާއެއް ނަންގަވައި ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ މި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ ދައުވާ އަށް ޖަވާބުދާރީވާން ލިބޭ ފުރުސަތުގައި ދައުވާ އަށް އިންކާރު ކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެއްކަށް ރިއާޔަތް ކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް މަދަނީ މިންގަނޑުން ބަލާއިރު، ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ދައުވާއާއިގެން ކުރިއަށް ދެވޭނެ ތަނެއް ނެތް ކަމަށް ނިންމައި އެއީ ބާތިލްު ދައުވާއެއް ކަމުގައި ކަނޑައަޅަން ވާނެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް ވަނީ ހިސާން ނެންގެވި އިޖުރާއީ ނުކުތާއާ ގުޅިގެން މައްސަލަ އަށް ޖަވާބުދާރީ ވުމަށް ދައުލަތުގެ ވަކީލާއިންނަށް ތަކުރާރުކޮށް ފުރުސަތު ދެއްވައިފަ އެވެ.

ނަމަވެސް އެ މައްސަލާގައި ދައުލަތުގެ ވަކީލާ އިން ވިދާޅުވީ އިޖުރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމަންވާނީ ފަނޑިޔާރުން ކަމަށެވެ. އަދި ދައުލަތުން ހުށަހަޅަން ޖެހޭ ހެކިތައް ހުށަހަޅާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. މި މައްސަލާގައި ދައުލަތުން ޖަވާބުދާރީވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.