10 ޖުލައި 2017 - 19:22

ޕީޕީއެމުން ވަކިވެވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވާ، ކާމިޔާބު ހޯއްދެވި ދާއިރާގެ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް، މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ވަކިވެވަޑައިގެންކަން އޭނާ މިއަދު ވަނީ ސިޓީއަކުން އެ ޕާޓީ އަށް އަންގަވާފަ އެވެ. އަދި އެކަން ސާފުކޮށްދެއްވުމުގެ ގޮތުން މަހިބަދޫ ދާއިރާގެ ރައްޔިތުންނަށް ވަކިން ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާ މިހާރު ބައިވެރިވެ، ކުރިއަށް ގެންދަވަނީ "ރައްޔިތުންގެ މަޖިލީހަކީ މިނިވަން، މުސްތަގިއްލު ތަނަކަށް ހެދުމުގެ ގައުމީ މަސައްކަތް" ކަމަށެވެ.
އެކަމަކު މިހާރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޕާޓީއަކާ ނުލާ ވާދަކުރައްވައިގެން ހޮވައިދިން ދާއިރާގެ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާތައް އަދާކުރަން ހުރަސް އެޅޭ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް އެ މައްސަލާގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ނިސްބަތްވާ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް، ގާނޫނު އަސާސީ މާނަކޮށްދިނުމަށެވެ.
އެކަމަކު ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކި ޕާޓީއަކަށް ނިސްބަތް ވާން ޖެހޭނެ ކަމަށް ބުނެފައެއް ނުވެ އެވެ. އަދި މެމްބަރުކަމުގެ ގޮނޑި ގެއްލޭ ސަބަބުތަކުގެ ތެރޭގައި ވެސް ސިޔާސީ ޕާޓީއެއްގެ ވާހަކައެއް ނާދެ އެވެ.
ތޯރިގަކީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ. މަސީހުގެ އެ މައްސަލަ މަޖިލިހަށް ވެއްދި އިރު ރާއްޖޭން ބޭރުގައި ހުންނެވި މެމްބަރު އަދިވެސް ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.
ތޯރިގުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ބިނާކުރެނިވި މަސައްކަތްތަކެއް ކުރާ ތަނަކަށް މިހާރުގެ މަޖިލިސް ނުވީ މަޖިލިހުގެ އުސޫލުތައް އެއްކިބާ ކުރުން ފަދަ އެތައް މައްސަލައަކާ ހެދި އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަހިބަދޫ ދާއިރާ އިން އޭނާ އިންތިހާބު ވުމަށް ފަހު ޕީޕީއެމާ ގުޅިގެން ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި ދާއިރާގެ ތިން ރަށުގައި ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ އިރު، އޭނާ ވިދާޅުވީ، އެކަންކަން ކުރިއަށް ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ތޯރިގާ އެކު މިއަދު ޕީޕީއެމުން ވަނީ އިތުރު ފަސް މެމްބަރަކު ވެސް ވަކިވެވަޑައިގެންފަ އެވެ. އެއާ އެކު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަނީ ގެއްލިފަ އެވެ. އެއް އިރެއްގައި 52 މެމްބަރުން ތިބި ސަރުކާރުގެ ކޯލިޝަންގައި މިހާރު ތިއްބެވީ 40 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 35 އަދި އެމްޑީއޭގެ ފަސް މެމްބަރެވެ.