ގާސިމްގެ ދައުވާތައް ކުރިއަށް ގެންދިއުމާ މެދު މިރޭ ގޮތެއް ނިންމަނީ
ގާސިމްގެ ދައުވާތައް ކުރިއަށް ގެންދިއުމާ މެދު މިރޭ ގޮތެއް ނިންމަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާތައް ކުރިއަށް ގެންދިއުމާ މެދު މިރޭ ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދިފާއީ ވަކީލުން ވަނީ އިޖްރާއީ ނުކުތާ ނަންގަވައިފަ އެވެ.

މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ދިފާއި ވަކީލުން ބުނެފައިވަނީ މިމަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން، އެ ދައުވާތައް ބާތިލް ކުރުމުގެ ބާރު ފަނޑިޔާރުންނަށް އެބައޮތް ކަމަށެވެ. އެއީ ގާސިމާ ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނެތުމުން ކަމަށް ދިފާއީ ވަކީލުން ބުނެފައިވެ އެވެ.

އެ ނުކުތާއާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދެ ފަރާތަށް ދިނުމަށް ފަހު، މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ދައުވާތައް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް މިރޭ މަޖިލީހެއް ބާއްވާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ރިޔާސަތު ބަލަހަައްޓަވަނީ އިސްގާޒީ ބާރީ އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ދައުވާލިބޭ ފަރާތުން ދައުވާ އަށް އިންކާރުކޮށްފި ނަމަ އެ ދައުވާ ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ މަދަނީ މިންގަނޑުން ފަނޑިޔާރު ބައްލަވަންވާނެ އެވެ. ދައުވާ ކުރިއަށް ގެންދަން ޖެހޭނީ އެ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ފެނިއްޖެ ނަމަ އެ ދައުވާއެއް ބާތިލް ކުރަންވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.