ޖޭއެސްސީ އަށް ރައީސަކު އައްޔަން ކުރުން މިރޭ
ޖޭއެސްސީ އަށް ރައީސަކު އައްޔަން ކުރުން މިރޭ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މި ރޭ ބައްދަލުވުމެއް ބޭއްވުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީ އަށް ރައީސަކު އައްޔަން މި ކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އައްޔަން ކުރިތާ ދެ އަހަރު ހަމަވުމަށް ފަހު އެވެ.

ޖޭއެސްސީގެ ގާނޫނުގައި ވާ ގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހަމަޖައްސާފައި ވަނީ އެ ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅާ ފަނޑިޔާރުގެ މުއްދަތަކީ ދެ އަހަރު ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގައި އެ ކޮމިޝަނަށް ސުޕްރީމް ކޯޓުން ކަނޑައެޅި ފަނޑިޔާރު އަބްދުﷲ އަރީފް، ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް އަރީފު ހަމަޖެއްސި އިރު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަލީ ހަމީދު އޮންނެވީ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފަ އެވެ.