11 ޖުލައި 2017 - 06:23

ލޯބިވެރިއަކު ހޯދުމަށްފަހު ނުވަތަ ކައިވެނި ކުރުމަށްފަހު ބައިވެރިޔާއަކީ އެންމެ ރަނގަޅު މީހާ ނޫންކަމަށް ގަބޫލުކުރެވި ބައެއް މީހުން އެކަމާ ހިތާމަ ކުރެ އެވެ. މިއީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. އެއްވެސް މީހަކަށް އަނެއް މީހާއާ ގުޅިގެން އުޅެން ފެށުމުން ނޫނީ ކަނޑައެޅިގެން އެއީ އެންމެ ރަނގަޅު މީހާއޭ ނުވަތަ ގޯސް މީހާއޭ ބުނާކަށް ނޭނގޭނެ އެވެ.
ބައިވެރިޔާއާ އެކު ނޫޅެވޭނެކަމާއި އެއީ ތިމާއާ އެކަށީގެންވާ މީހެއް ނޫންކަން އެނގޭ ވަގުތު އެމީހަކާ އަވަހަށް ދުރުވުން ބުއްދިވެރި ކަމަށް ޔުނިވަސިޓީ އޮފް މަޔާމީގެ ޕްރޮފެސަރު ބެރިޓް ބްރޮގާޑް ދަ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވެފައިވެ އެވެ.
ބައިވެރިޔާއާ މެދު ޝައްކުވާ ނަމަ އަދި އެމީހަކާ ދުރަށް ދާންވީތޯ ނުވަތަ ނޫންތޯ ޔަގީން ނުވެގެން އުޅޭ ނަމަ މިއީ ބަލަންވީ ކަންކަމެވެ.
ކޮންމެ މީހަކުވެސް ގަބޫލުކުރާ ވަކި ހަމަތަކެއް ހުންނާނެ އެވެ. އެއީ މަޝްވަރާކޮށްގެން ވެސް ބަދަލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އެއީ ފަހަރެއްގައި ދަރިން ހޯދުމާ ބެހޭ ގޮތުން ނުވަތަ ކައިވެނި ކުރުމާ ބެހޭ ގޮތުން ދެކޭ ގޮތް ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމާ ބެހޭ ގޮތުން ދެކޭ ގޮތް ކަމަށް ވެސް ވެދާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ ކަމަކީ ތިމާ އެއްގޮތަކަށް ވެސް ބަދަލުކުރަން ބޭނުންވާ ކަމަކަށް ނުވާ ނަމަ އަދި މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އެއާ އިދިކޮޅަށް ކަން ކުރަން އަމިއްލަ ނަފްސު ގަބޫލު ނުވާ ނަމަ އަދި ހަޔާތުގެ ބައިވެރިޔަކަށް ޚިޔާރުކުރާ މީހާ މިކަމާ ބެހޭ ގޮތުން ދެކޭ ގޮތް ތަފާތު ނަމަ ތިއޮތީ މައްސަލަތައް ޖެހިފަ އެވެ.
ޕްރޮފެސަ ބޯގާޑް ވިދާޅުވީ ތިމާ ގަބޫލުކުރާ ހަމަތައް ވެސް ލޯބިވާ މީހަކަށްޓަކައި ބަދަލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް މިގޮތަށް ބަދަލުކުރާ ބަދަލުކުރުމަކީ ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާ ޕްރެޝަރު ކުރިމަތިކޮށްގެން ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. އެކަން ކުރާ ނަމަ ކުރަން ޖެހޭނީ އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް އަމިއްލައަށް ގަބޫލު ކުރެވިގެންނެވެ.
ދެ މީހުންގެ ގުޅުމުގައި ބަސް ވިކެނީ ހަމައެކަނި ބައިވެރިޔާގެ އެކަނި ނަމަ އެއީ ރަނގަޅަށް ބެލެންސް ކުރެވިފައިވާ ގުޅުމަކަށް ނުވަނީ އެވެ. މިކަމާ ގުޅޭ ގޮތުން 2013 ގައި ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން، ކައިވެނިކުރުމަށް ފަހު އެކެެއްގެ މައްޗަށް އަނެކަކު ބަސް ކިޔާ ގަދަވެގަންނަން މަސައްކަތްކުރަން ފަށަނީ އާއްމުކޮށް ކައިވެންޏަށް ތިން އަހަރާއި ހަ މަސް ފަހުންނެވެ.
ކާނީ ކޯޗެއްކަން ކަނޑައަޅާ ނިންމަނީ އަބަދުވެސް ބައިވެރިޔާ ހެއްޔެވެ؟ ބަލާނީ ކޮން ފިލްމެއްކަން ނިންމަނީ ބައިވެރިޔާ ހެއްޔެވެ؟ ތިމާ ކުރެެން އަހާލުމެއް ވެސް ނެތި، ޗުއްޓީ ހޭދަކުރާނެ ގޮތެއް ވެސް ކަނޑައަޅަނީ ބައިވެރިޔާ ހެއްޔެވެ؟ ޕްރޮފެސަރު ބޮގާޑް ވިދާޅުވާ ގޮތުގައި މިގޮތަށް ކަންތައްތައް ދިމާވާ ނަމަ މިއީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. ބައިވެރިޔާ އެ ދެކެނީ ތިމާ ކުރާ ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ އޭނާ ބުނާ ގޮތަކަށް ކަމަށެވެ. ތިމާގެ އަމިއްލަ ވިސްނުމަށް ފިކުރަށް މިނިވަންކަމާ އެކު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއީ ނުރައްކަލުގެ އިންޒާރެކެވެ.
ދެމަފިރިއެއްގެ ގުޅުމަކީ އެކަކު އަނެކަކަށް އިހްތިރާމްކުރާ ގުޅުމަކަށް ވާން ޖެހޭނެ އެވެ. ދެ މީހުންކުރެ އެކަކީވެސް އަނެކަކަށް އިހްތިރާމް ނުކުރާ މީހެއް ނަމަ މަައްސަލަތައް ޖެހެން ފަށާނެ އެވެ. އަދި ޒުވާބާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބުން ދުރެއް ނުވާނެ އެވެ.
ޑރ. ބްރޮގާޑް ވިދާޅުވަނީ ބައެއް ފަހަރަށް މިކަންތައްތައް ފެށިގެން އަންނަނީ ވަރަށް ކުޑަ ގޮތަކަށް ކަމަށް ވާތީ ނޭނގި ވެސް ހިނގައިދާނެ ކަމަށެވެ. ނަމަވެސް ތިމާއާ ދިމާލަށް ހުތުރު ނަންނަމުން މުޚާތަބު ކުރުން، ހުންނަ ސިފަޔަށް މަލާމާތް ކުރުން، ދެރަވާ ކަމެއް ކޮށްފައި ވެސް މާފަށް ނޭދުން ފަދަ ކަންތައްތަކަކީ ބައިވެރިޔާ ކޮންޓްރޯލްކުރުމަށް ބައެއް މީހުން ކުރާ ކަންތައްތަކެވެ. ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޕީޓާ ގްރޭ ވިދާޅުވަނީ ކައިވެނީގެ ގުޅުމެއް ދެމެހެއްޓުމަށް ހަމައެކަނި ލޯބި ނުފުދޭނެ ކަމަށެވެ. އެކަކު އަނެކަކަށް އިހްތިރާމް ވެސް ކުރަން ޖެހޭނެ އެވެ.
ބައިވެރިޔާ ބޭނުންވަނީ ތިމާ ކުރަން ޖެހޭ ހުރިހާ ކަމެއް ނުކޮށް ބަހައްޓާފައި އޭނާ ބޭނުންވާ ކަންތައްތައް ކޮށްދޭން ނަމަ އެއީ ތިމާއަށް އެއްގޮތަކަށް ވެސް އަޅާލާ މީހެއް ކަމަކަށް ނުބެލެވޭނެ އެވެ. ބޭނުންވާ ކަންތައްތައް ބައިވެރިޔާ ކޮށްދިނީ ކިތައް ފަހަރުތޯ ގުނާލާށެވެ. ބައިވެރިޔާގެ އަމަލުތައް ހުންނަނީ ހަމައެކަނި އޭނާގެ ބޭނުންތަކެއް ފުއްދަން ނަމަ އެއީ ކައިވެނީގެ ގުޅުމުގައި މައްސަލަތައް ހުރިކަމުގެ ނިޝާނެކެވެ.
މިއީ ދުވަސްކޮޅެއް ވަންދެން ވިސްނާލަން ނޭނގިދާނެ މައްސަލަ އެކެވެ. ނަމަވެސް މިކަން އިހްސާސް ކުރެވުމަށް ފަހު ހަނދާން ނައްތާލަން އުނދަގޫވާނެ ކަމެއް ވެސް މެއެވެ. މިފަދަ ގުޅުމެއްގައި އުޅޭ މީހުން އަބަދުވެސް ހިތަށް އަރާ ކަމެއް އޮވެ އެވެ. ބައިވެރިޔާ އެ އުޅެނީ ކީއް ކުރަން ހެއްޔެވެ؟ އަދި އޭނާ ތިމާއާ ދޭތެރޭ ދެކެނީ ކިހިނެއް ބާއެވެ؟ ތިމާގެ އެއްވެސް ކަމެއް ބަލައި އަޅާލުމުގެ ޝައުގުވެރިކަމެއް އޭނާގެ އެބަހުރި ހެއްޔެވެ؟
ތިމާގެ ގުޅުމަކީ މިކަންކަން ބެލެންސްވެފައިވާ ގުޅުމަކަށް ނުވާ ނަމަ ނުވަތަ މިކަންތައްތައް ތި ގުޅުމުގައި އުނި ނަމަ ފަހަރެއްގައި ތި ގުޅުމަކީ ލޯބިވެގެން ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ގުޅުމަކަށް ވުރެ ދަރިއެއް ނުވަތަ ދަރިންތަކެއްގެ މައިންބަފައިންނަށް ވީތީ އޮތް ގުޅުމަކަށް ވެދާނެ އެވެ. ދެ މީހުން ކުރެ އެކަކީ އަޅާލާ އޯގާތެރި މީހަކަށް ވެފައި އަނެއް މީހާއަކީ ހަމައެކަނި އެ އަޅާލުމާއި އޯގާތެރިކަމުގެ ބޭނުން ހިފާ މީހަކަށް ވެއްޖެ ނަމަ އެ ގުޅުމެއްގައި އޮންނަންވީ ބެލެންސް އޮންނާނީ ގެއްލިފަ އެވެ. އަދި މިއީ ކައިވެނީގެ ގުޅުމަކަށް ރަނގަޅު ގޮތެއް ނޫނެވެ.