ކެންޔާގެ ކޯޓުތަކަށް އެ ގައުމުގެ ރައީސް އިންޒާރުދެއްވައިފި
ކެންޔާގެ ކޯޓުތަކަށް އެ ގައުމުގެ ރައީސް އިންޒާރުދެއްވައިފި

ނައިރޯބީ (ޖުލައި 10) - ކެންޔާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ފަހިވާ ގޮތަށް ކަންކަން ނުކުރުމަށް އެ ގައުމުގެ ރައީސް އުހުރު ކެންޔާއްޓާ ކޯޓުތަކަށް އިންޒާރު ދެއްވައިފި އެވެ.

ކެންޔާއްޓާ ވެސް ގެންދަވަނީ ދެ ވަނަ ދައުރަކަށް އިންތިޚާބުވުމަށް ކެމްޕޭން ކުރައްވައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ވެއްދި މައްސަލައަކާ ގުޅިގެން ހައި ކޯޓުން ވަނީ ވޯޓު ކަރުދާސް ޕްރިންޓް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްފަ އެވެ. ހައި ކޯޓުން ބުނެފައި ވަނީ ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރި ގޮތް ކުރިއަށް ގެންގޮސްފައި ވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށެވެ. އިދިކޮޅު ނޭޭޝަނަލް ސުޕަ އެލަޔަންސް އިން ބުނެފައި ވަނީ ވޯޓު ޗާޕް ކުރަން ހަވާލު ކުރި ކުންފުންޏާ ރައީސް ކެންޔާއްޓާއާ ގުޅުން އޮންނަ ކަމަށެވެ.

ކެންޔާއްޓާ ވިދާޅުވީ ޝެޑިއުލްކޮށްފައިވާ ގޮތަށް އިންތިޚާބު ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.

"މި ބާވަތުގެ ކަންކަމަށް ފުރުސަތު ދެވިގެން ނުވާނެ. އަދި އިންތިޚާބުގެ ތާރީޚު ބަދަލު ކުރެވިގެން ވެސް ނުވާނެ،" ކެންޔާއްޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ.