10 ޖުލައި 2017 - 15:24

ޝަރުއީ ދާއިރާއާ މެދު ރައީސް އަބްދުﷲ ޔާމީން އަޅުއްވަމުން ގެންދަވާ ގޯސް ފިޔަވަޅުތަކުން އެ މަނިކުފާނު މަގާމު ވަކި ކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި މި ވަގުތު ހުންނެވި ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ނާކާމިޔާބު ކޮށްލަން ޖުޑިޝަރީ މެދުވެރިކޮށް ސަރުކާރުން މަސައްކަތް ފެށުމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭ އިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ވަނީ ބާއްވައިފަ އެވެ.
ޕާޓީ ބަދަލުވުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން އުޅޭ ކަމުގެ ބިރަށްޓަކައި ޕީޕީއެމްގެ ބައެއް މެމްބަރުން ގެންދަވަނީ އެ ޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ވިލިގިނގިލީ ދާއިރާގެ ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ އަހްމަދު ތޯރިގް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ މުހައްމަދާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅި މައްސަލާގައި ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އެވެ.