ލަންކާގައި ފުރަތަމަ ފަހަރަށް ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި
ލަންކާގައި ފުރަތަމަ ފަހަރަށް ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

ކޮލަމްބޯ (ޖުލައި 10) - ސްރީ ލަންކާގައި ފުރަތަމަ ފަހަރަށް ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ރަސްމީ މީޑިއާ އިން ބުނީ ކެންޑީ ޖެނެރަލް ހޮސްޕިޓަލުގައި ކުރި ހިތްބަދަލު ކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ސަމަން ރަތުނަޔަކަ ވިދާޅުވީ ހިތް ބަދަލުރީ 43 އަހަރުގެ އަންހެނެއްގެ ކަމަށެވެ. އަދި އެ އަންހެން މީހާ އަށް ލައްވާފައި ވަނީ ސިކުނޑި މަރުވެފައިވާ 24 އަހަރުގެ ފިރިހެނެއްގެ ހިތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޒުވާނާގެ ދެ ކިޑްނީ ވެސް ނެގުމަށް ފަހު އެހެން ދެ އަންހެނަކަށް ވަނީ ދީފަ އެވެ. ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ވެސް ކޮށްފައި ވަނީ ކެންޑީ ޖެނެރަލް ހޮސްޕިޓަލުގަ އެވެ. އޮޕަރޭޝަނަށް ފަހު އެ ތިން މީހުންނަށް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ އޮޕަރޭޝަނަށް ފަހު އެންމެންގެ ވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ ކެންޑީ ޖެނެރަލް ހޮސްޕިޓަލުގައި ކުރި ހިތާއި ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނުގައި ކެންޑީ އާއި ޕެރަޑެނިޔާ، އަނޫރާދަޕޫރާ، ބޮރެއްލާގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ބައިވެރިވެފައިވާ ކަމަށެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރުންނަށް ލަންކާގެ ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވަނީ ފޯނުން ގުޅުއްވާ ތައުރީފް ކުރައްވައިފަ އެވެ.