ގަތަރު މައްސަލަ އަށް ހައްލެއް ފެނޭތޯ އެމެރިކާގެ ޚާރިޖީ ވަޒީރު ކުވޭތަށް
ގަތަރު މައްސަލަ އަށް ހައްލެއް ފެނޭތޯ އެމެރިކާގެ ޚާރިޖީ ވަޒީރު ކުވޭތަށް

ކުވޭތު ސިޓީ (ޖުލައި 10) - އަރަބި ހަތަރު ގައުމަކާއި ގަތަރާ ޖެހިގެން އުޅޭ މައްސަލަ އަށް ހައްލެއް ފެނޭތޯ މަޝްވަރާ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މިއަދު ކުވޭތަށް ވަޑައިގަންނަވާނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ގަތަރު މައްސަލަ ހައްލު ކުރަން މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުވޭތުގެ ސީނިއާ އޮފިޝަލުންނާ އެކު ޓިލަސަން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ގަތަރު މައްސަލަ ހައްލު ކުރުމުގައި ކުވޭތުން އަދާކުރަމުންދާ ރޯލަށް އެމެރިކާ އިން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގައި އެމެރިކާގެ ރޯލު މިހާރު ވަނީ ބޮޑުވާން ފަށައިފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނައުއާޓް ވިދާޅުވީ ގަތަރު މައްސަލަ މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށެވެ.

ޓިލަސަން މިދިޔަ މަހު ވަނީ ސައުދީ އަރަބިއާ އިސްވެ ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެމެރިކާ އިން ކުރާ ހަނގުރާމަ އަށް ހުރަސް އަޅާ ކަމަށް ވެސް ވިދާޅުވި އެވެ.

ގަތަރުގެ އަލް އުދައިދު ވައިގެ މަރުކަޒުގެ އެމެރިކާ އާއި ކޯލީޝަނުގެ 11،000 ސިފައިން ތިބެ އެވެ.