ޗެލްސީއާ ގުޅުނީ ކޮންޓޭ ވެސް އެދުމުން: ރުޑީގާ
ޗެލްސީއާ ގުޅުނީ ކޮންޓޭ ވެސް އެދުމުން: ރުޑީގާ

ލަންޑަން (ޖުލައި 10) - ޗެލްސީ އަށް ބަދަލުވީ އެ ޓީމަށް ކުޅޭހިތްވުމުގެ އިތުރުން އެންޓޯނިއޯ ކޮންޓޭ ވެސް އެކަމަށް އެދުމުން ކަމަށް ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ބުނެފި އެވެ.

އިޓަލީގެ ރޯމާ ދޫކޮށް ރުޑީގާ ޗެލްސީ އަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރުޑީގާ ހޯދަން ޗެލްސީން ވަނީ 29 މިލިއަން ޕައުންޑުގެ ފީއެއް ދައްކައިފަ އެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ރުޑީގާ ދައްކާ ކުޅުމަށް ބަލައި އިތުރު ފަސް މިލިއަން ޕައުންޑް ދޭން ޗެލްސީން ވަނީ އެއްބަސްވެފަ އެވެ.

ރޫޑީގާ ބުނީ ޗެލްސީ އަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށާއި އެ ޓީމަށް ބަދަލުވުމަކީ އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

"މިއީ ވަރަށް އުފާވެރި ވަގުތެއް. އެއީ ކޮންމެ ކުޅުންތެރިއަކަށް ޗެލްސީ ކަހަލަ ބޮޑު ކްލަބަކަށް ކުޅުމުގެ ނަސީބެއް ނުލިބޭނެ. އެހީ އަހަންނަށް ލިބޭ ބޮޑު އުފަލެއް،" އުމުރުން 24 އަހަރުގެ ރުޑީގާ ބުންޏެވެ.

އޭނާ ވަނީ ކޮންޓޭ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"ކޮންޓޭ އަކީ ޔުވެންޓަސްގައި ވެސް ކާމިޔާބު ކޯޗެއް. މިހާރު އޭނާ ވަނީ ޗެލްސީއާ އެކު އިންގްލެންޑުގައި ވެސް އެކަން ތަކުރާރު ކޮށްފައި. ކޮންޓޭގެ ވެސް އެދުމާ އެކު އަހަރެން މި ކްލަބަށް ބަދަލުވީ،" ޖަރުމަނު ގައުމީ ޓީމާ އެކު މި ފަހަރު ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކުރި ރުޑީގާ ބުންޏެވެ.

އުމުުރުން 24 އަހަރުގެ ސިއެރަ ލިއޯން އަށް އުފަން ރުޑީގާ ރޯމާ އަށް ބަދަލުވީ 2015 ވަނަ އަހަރު ޖަރުމަނުގެ ސްޓުޓްގާޓް ދޫކޮށެވެ. އެ ފަހަރު ރޯމާ އިން ދެއްކީ ހަތަރު މިލިއަން ޔޫރޯ އެވެ. ރުޑީގާ ހޯދަން މިދިޔަ ސީޒަނުގައި ވެސް ޗެލްސީން ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހަރު ރުޑީގާ އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ޗެލްސީން އެ ވަގުތު އޭނާ ގަތުމުގެ ވިސްނުން ދޫކޮށްލި އެވެ.

ޗެލްސީން ވަނީ ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީން ދޫކޮށްލި އާޖެންޓީނާގެ ތަޖުރިބާކާރު ގޯލްކީޕަރު ވިލީ ކަބަލޭރޯ އެ ޓީމަށް ގެނެސްފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ނުލިބުމުން އެ ޓީމުގެ މިހާރުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އެ ޓީމުގައި މަޑުކުރުވަން މަސައްކަތް ކުރަމުންނެވެ.