އެމްއެމްއޭއިން އިންޑިއާގެ މަރުކަޒީ ބޭންކަށް 100 މިލިއަން ޑޮލަރު ދައްކައިފި
އެމްއެމްއޭއިން އިންޑިއާގެ މަރުކަޒީ ބޭންކަށް 100 މިލިއަން ޑޮލަރު ދައްކައިފި

އިންޑިއާގެ މަރުކަޒީ ބޭންކާ އެކު ހެދި ކަރަންސީ ސްވޮޕް އެގްރިމެންޓްގެ ދަށުން ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު މިދިއަ މަހު އަނބުރާ ދައްކާފައިވާ ކަމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިިން ބުނެފި އެވެ.

އެމްއެމްއޭ އާއި އިންޑިއާގެ މަރުކަޒީ ބޭންކުން 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 271 މިލިއަން ޑޮލަރު ދައްކަން ޖެހުމާ ގުޅިގެން، ރާއްޖޭގެ ރިޒާވުން އުނިވި ބައި ފޫބެއްދުމަށެވެ.

ޖީއެމްއާރަށް ދެއްކި ބަދަލުގެ ތެރެއިން 140 މިލިއަން ޑޮލަރަކީ، ރާއްޖޭގެ ރަަސްމީ ރިޒާވުން އެމްއޭސީއެލްގެ ބޮންޑު ގަތުމަށް އެމްއެމްއޭ އިން ހޭދަކުރި ފައިސާ އެވެ. އެމްއޭސީއެލްގެ ބޮންޑް އެމްއެމްއޭ އިން ގަތީ ތިން އަހަރުގެ ތެރޭގައި، 4.9 ޕަސެންޓްގެ އިންޓަރެސްޓްގައި އަނބުރާ ދައްކާ ގޮތަށެވެ.

ސަރުކާރުން އޭރު ބުނެފައިވަނީ އެމްއޭސީއެލް އިން އެ ފައިސާ އެމްއެމްއޭ އަށް ދައްކާނީ ކޮންމެ މަހަކު ވެސް ޑޮލަރުން ކަމަށެވެ.

ރާއްޖޭގެ 200 މިލިއަން ޑޮލަރުގެ ބޮންޑު ބޭރަށް ވިއްކުމާ ގުޅިގެން ޔޫޒަބްލް ރިޒާވް 66 ޕަސެންޓަށް މިދިއަ މަހު އިތުރުވި ކަމަށް، އެމްއެމްއޭ އިން މަހަކު އެއް ފަހަރު ނެރޭ އިގުތިސާދީ ރިވިއުގައި ބުނެފައިވެ އެވެ. އެކަމަކު އިންޑިއާއާ އެކު ހެދި ކަރަންސީ ސްވޮޕް އެގްރިމަންޓްގެ ދަށުން 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުން، ރިޒާވް ވަނީ ދަށްވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޮންޑެއް ވިއްކައިގެން 200 މިލިއަން ޑޮލަރު ހޯދުމަށް ފަހު، ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރީ މިދިޔަ މެއި 31 ގަ އެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 603.5 މިލިއަން ޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ތިން ޕަސެންޓް މަދު އަދަދެއް ނަމަވެސް މަހުން މަހަށް ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

ޔޫޒަބްލް ރިޒާވްއަކީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުންކުރަން ހުންނަ ފައިސާ އެވެ.