ދުނިޔޭގެ އެންމެ ބޮޑު ކްލަބަކަށް ނޫނެކޭ ނުބުނެވޭނެ: ލުކާކޫ
ދުނިޔޭގެ އެންމެ ބޮޑު ކްލަބަކަށް ނޫނެކޭ ނުބުނެވޭނެ: ލުކާކޫ

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް ކަމަށާއި އެ ޓީމާ ގުޅެން ނިންމާފައިވާ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

އެވަޓަން އިން ލުކާކޫ ވިއްކާލަން އެއްބަސްވީ 75 މިލިއަން ޕައުންޑަށެވެ. އަދި ޔުނައިޓެޑާ ގުޅުމަށް މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނީ ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ނޫނެކޭ ބުނާނެ ކުޅުންތެރިން މަދުވާނެ ކަމަށެވެ.

"ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް. އިންގްލެންޑްގެ އެންމެ ފެންވަރު ރަނގަޅު ދަނޑާއި އެންމެ ރަނގަޅު ސަޕޯޓަރުން ތިބީ ވެސް ޔުނައިޓެޑްގައި. މިއީ އަހަންނަށް އެންމެ ފުރިހަމަ ކްލަބް. އަހަރެން ބޭނުންވަނީ ޔުނައިޓެޑް ކަަހަލަ ހުރިހާ މުބާރާތަކަށް ވާދަކުރާ ޓީމަކަށް ކުޅެން،" ލުލާކޫ ބުންޏެވެ.

ލުކާކޫ އަކީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ 2014 ވަނަ އަހަރު ޗެލްސީއާ ހަވާލުވުމަށް ފަހު އެ ޓީމުން އެވަޓަން އަށް 28 މިލިއަން ޕައުންޑަށް ވިއްކާލި ކުޅުންތެރިއެކެވެ.

"މޮރީނިއޯގެ ކޯޗުކަމުގައި ވެސް އަހަންނަށް ކުޅެވޭނެ. މާޒީގައި ވެދިޔަ ކަމެއްގެ ވާހަކަ ދައްކަން ބޭނުމެއް ނޫން. ބޭނުންވަނީ ޔުނައިޓެޑްގެ ތާރީހުގެ ތެރޭގައި އަހަރެންގެ ނަން ވެސް އޮންނަ ފަދަ ކާމިޔާބެއް މި ކްލަބާ އެކު ހޯދަން،" ލުކާކޫ ބުންޏެވެ.

ލުކާކޫގެ އޭޖެންޓަކީ ޕޮގްބާގެ ވެސް އޭޖެންޓް މިނޯ ރައިއޯލާ އެވެ. ބެލެވޭ ގޮތުގައި އެމެރިކާގައި މެޑިކަލް ޓެސްޓް ހެދުމަށް ފަހު ލުކާކޫ ޔުނައިޓެޑުގެ އެމެރިކާ ޓުއާގައި އެ ކްލަބާ ގުޅޭނެ އެވެ.

ބެލްޖިއަމްގެ އެންޑަލެކްޓް އިން 2011 ވަނަ އަހަރު ކެރިއަރު ފެށި ލުކާކޫ ވަނީ 2011 ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު ލޯން އުސޫލުން ވެސްޓް ބްރޮމް އަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް 57 މެޗުން 20 ގޯލް ޖަހައިދީފަ އެވެ. މިިދިޔަ ސީޒަނަކީ ލުކާކޫގެ ކްލަބް ކެރިއަރުގައި އޭނާގެ ކާމިޔާބު ސީޒަނެވެ. އޭނާ ވަނީ މިދިޔަ ފަހަރު ޕްރިމިއާ ލީގުގައި 25 ގޯލް ޖަހައިފަ އެވެ.

ލުކާކޫ ޔުނައިޓެޑާ ގުޅޭ އެއްބަސްވުމުގެ ތެރެއިން އެ ޓީމުގެ ވޭން ރޫނީ ވަނީ މިހާރު އެވަޓަން އަށް ސޮއިކޮށްފަ އެވެ.