11 ޖުލައި 2017 - 06:21

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ގަނޑުވަރު ތެރޭގައި އުޅުއްވާ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވެ އެވެ. އެ ބޭފުޅުންގެ ކޮންމެ ފަރިއްކޮޅުގައި އާދައިގެ މީހެއްގެ ގޭގައި ބާއްވާ ޕާޓީއެއްގައި ހުންނާނެ ހުރިހާ ކާނާއެއް ހުރުމަކީ ވެސް ވެދާނެ ކަމެކެވެ. ނުވަތަ ވަރަށް އާދައިގެ ފަރިއްކޮޅަކަށް ވެސް ވެދާނެ އެވެ.
ކެންސިންޓަން ގަނޑުވަރުގައި ފުލްޓައިމް ކައްކާއެއްގެ ގޮތުގައި 1989 އިން 2000 އަށް މަސައްކަތްކުރި ޝެފް ކެރޮލީން ރޮބް ވަނީ ޝާހީ އާއިލާއަށް ފަރިއްކޮޅު ތައްޔާރުކުރުމުގެ ތަޖުރިބާތައް "ދަ ރޯޔަލް ޓަޗް"ގެ ނަމުގައި އޭނާ ލިޔެފައިވާ ފޮތެއްގައި ކިޔުންތެރިންނާ ހިއްސާ ކޮށްފަ އެވެ. ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ކެރޮލީން އެންމެ ގިނަ ދުވަހު މަސައްކަތް ކުރީ ޕްރިންސް ޗާލްސް އަށާއި ޕްރިންސަސް ޑައަނާ އަދި ވިލިއަމް އާއި ހެރީ އަށް ފަރިއްކޮޅު އެރުވުމުގަ އެވެ.
ފޮތް ޕްރޮމޯޓްކުރުމުގެ ގޮތުން ކެރޮލީން ދީފައިވާ އިންޓަވިއުއެއްގައިބުނީ ޝާހީ ބޭފުޅުން ފަރިއްނުކުޅުއްވާ އޮންނަނީ އެންމެ އެއްޗެއް ކަމަށާއި އެއީ ލޮނުމެދު ކަމަށެވެ. އެއްވެސް ކާ އެއްޗަކަށް ލޮނުމެދު އެޅުން މުޅިން މަނާ ކަމަށް އޭނާ ބުންޏެވެ.
ކެރޮލީން ބުނި ގޮތުގައި ޝާހީ ބޭފުޅުން ލޮނުމެދު ބޭނުން ނުކުރައްވަނީ އެ ނުބައިވެގެންނެއް ނޫނެވެ. އެކަމަކު އެއީ، އެ ބޭފުޅުންނަކީ އެކިއެކި އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާ، އަބަދު ކަހަލަ ގޮތަކަށް އެހެން މީހުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅުންނަށް ވާތީ ލޮނުމެދުން އޭގެ ނުބައި ވަސް އެބޭފުޅުންގެ އަނގައިންނާއި ގައިން ދުވާފާނެތީ އެވެ.
ކެރޮލީން ބުނި ގޮތުގައި ޕްރިންސް ޗާލްސް އަކީ ފަރިއްކުޅުއްވާފައި ބާކީވާ ކާނާ އުކާލުމުގެ ބަދަލުގައި، ފަހުން ކާން އެ ރައްކާކުރައްވާ ވެސް ބޭފުޅެކެވެ.