28 އަހަރުވީ ރެކޯޑް 28 އަހަރުގެ ފަޒީލް މުގުރާލައިފި
28 އަހަރުވީ ރެކޯޑް 28 އަހަރުގެ ފަޒީލް މުގުރާލައިފި

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިއާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރު ގާއިމްކުރި ރާއްޖޭގެ 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް 28 އަހަރަށް ފަހު ހުސެއިން ފަޒީލް ހާރޫން ރޭ މުގުރާލައިފި އެވެ.

28 އަހަރުވީ ރެކޯޑް 28 އަހަރުގެ ފަޒީލް މުގުރާލައިފި
28 އަހަރުވީ ރެކޯޑް 28 އަހަރުގެ ފަޒީލް މުގުރާލައިފި

ފަޒީލް އުފަންވި އަހަރު ކުޑަހުސެން 34:33 މިނެޓުން ދުވެން ހެދި ރެކޯޑް ފަޒީލް މުގުރާލީ އިންޑިއާގެ އޮޑިޝާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 10،000 މީޓަރު ދުވުމުގެ އިވެންޓުގައި 34:21 މިނެޓުން ދުވެގެންނެވެ.

ފަޒީލް ރެކޯޑް މުގުރާލިއިރު އޭނާ އިވެންޓް ނިންމާފައިވަނީ ނުވަ ވަނައިގަ އެވެ. މި އިވެންޓުގައި ރާއްޖޭގެ އުއްމީދީ ދުވުންތެރިއާ ޒައިދު ޝަރީފް ވާދަކޮށް 11 ވަނައިގައި ނިންމިއިރު ޓައިމިން އަކީ 35:15 މިނެޓެވެ. މި ރޭހުގެ އެއް ވަނަ ހޯދީ 29:55 މިނެޓުން ދުވި އިންޑިއާގެ ލަކްޝްމަންނަން އެވެ. ދެ ވަނަ އަކީ ވެސް 29:58 މިނެޓުން ދުވި އިންޑިއާގެ ދުވުންތެރިއެއް ކަމަށްވާ ގޯޕީ ތޮނަކަލް އެވެ. ތިން ވަނަ ހޯދީ ކިރްގިސްތާނުގެ އަދިލެޓް ކިޝްޓަކްބެކޯފެވެ. އޭނާގެ ޓައިމިން އަކީ 30:06 މިނެޓެވެ.

ކުޑަހުސެން ވަނީ އޭނާގެ ރެކޯޑް މުގުރާލުމުން ފަޒީލަށް މަރުހަބާ ކިޔައިފަ އެވެ. ކުޑަހުސެން ބުނީ ފަޒީލުގެ ހުނަރުވެރިކަން ދެނެގަނެ އޭނާ އަށް ސީރިއަސްކޮށް ދުވުމުގެ ތެރެއަށް ވަނުމަށް ހިތްވަރުދެވުނީތީ އުފާކުރާ ކަމަށެވެ. އަދި 30 މިނެޓުގެ ތެރޭ 10،000 މީޓަރު ދުވުމުގެ ގާބިލްކަން ފަޒީލުގެ ކިބައިގައި އެބަހުރި ކަމަށާއި އެހެންވެ މިހާރަށް ވުރެ މައްޗަށް އަމާޒު ހިފުމަށް ވެސް ކުޑަހުސެން ވަނީ ފަޒީލް ގާތު އެދިފަ އެވެ.

މި ރާސްތާގެ ޓްރެކުން ބޭރު އިވެންޓް ކަމަށްވާ 10 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ވެސް އޮތީ ފަޒީލް އަތުގަ އެވެ. ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ވަނަ އަހަރުގެ މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި ރެކޯޑް މި އަހަރު އެންމެ ފުރަތަމަ މުގުރާލީ ޒައިދެވެ. ޑުބާއީ މެރެތަންގައި ޒައިދު 34:40 މިނެޓުން ދުވެގެން އާކޮށްފައި ވަނިކޮށް ފަޒީލް އެ ރެކޯޑް މުގުރާލީ މމާޗު މަހު މޮކޮރޯގެ އުޖްޑާ އިންޓަނޭޝަނަލް ޓެން-ކޭ ރޭހުގައި 33:47 މިނެޓުން ރޭސް ނިންމައިގެންނެވެ.

ޒައިދާއި ފަޒީލަކީ ވެސް ގައުމީ ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ކޯޗުކޮށްދޭ ދެ ދުވުންތެރިންނެވެ. އެކަމަކު ފަޒީލް ޖެނުއަރީން ފެށިގެން ތަމްރީން ހަދަމުން އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮޮރޮކޯގަ އެވެ.

ކުޑަހުސެން ހަދާގައި އޮތް ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް 27 އަހަރަށް ފަހު، މިދިޔަ އަހަރު މުގުރާލި ފަޒީލަކީ މިޑްލް ޑިސްޓެންސުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ އެވެ. މިދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވިދާލި ފަޒީލް ވަނީ އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައި އަދި މިދިޔަ އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ.

މާލޭގައި 1989 ވަނަ އަހަރު ބޭއްވި ކްލަބް ޓޯނަމަންޓުގައި ކުޑަހުސެން 17 މިނެޓު 08 ސިކުންތުން ހެދި ފަސް ކިލޯމީޓަރުގެ ރެކޯޑް ފަޒީލް މުގުރާލީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 16 މިނެޓު 31 ސިކުންތުން ދުވެގެންނެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތަށް ފަހު "މިހާރު" ގެ ނޫސްވެރިން ގާތު ފަޒީލް ބުނީ ދެ ތިން މަސް ދުވަހުގެ ތަމްރީން ހަދާލެވިއްޖެއްޔާ ގައުމީ ރެކޯޑްތައް މުގުރާލެވޭނެ ކަމަށެވެ. ރާއްޖެ އަށް ރަން މެޑެއްޔެއް ގެނެސް ދިނުމުގެ އުއްމީދުގައި ހުރި ފަޒީލަކީ މަސައްކަތުގެ ރޭޓް ވަރަށް މަތީ އެތުލީޓެއް ކަމަށް ގިނަ ކޯޗުން ފާހަގަކުރެ އެވެ.

"އަޅުގަނޑުގެ ފޮތުގައި ނޯންނާނެ ގިވް އަޕް ކުރުމެއް. އަބަދުވެސް ކުރިއަށް ދާނީ. އަޅުގަނޑަކީ ފަސް އެނބުރި ބަލާ މީހެއް ނޫން. އަބަދުވެސް ކުރިއަށްދާނީ. އެ އަންނަ ޗެލެންޖެއް ގިރާކޮށްފައި ކުރިއަށް އަބަދުވެސް ބަލާނީ ކުރިއަށް ދާން،" އަނިޔާގައި ހުރެ ގައުމީ މުބާރާތުން ތިން ރަން މެޑަލް ހޯދި ދުވުންތެރިޔާ އޭރު ބުންޏެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ދުވެ ރާއްޖޭގެ ހަސަން ސާއިދު ވަނީ އޭޝިއާގެ ހަތަރު ވަނަ ހޯދައިފަ އެވެ. މީގެ އިތުރުން 100 މީޓަރު ދުވުމުން އަފާ އިސްމާއިލް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖޭގެ އަންހެން ދުވުންތެރިއަކަށް މިހާތަނަށް އޭޝިއާ ފެންވަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ.