އަމީތާބުގެ "އާނަންދް"ގެ ބަތަލާ ސުމީތާ ސާންޔާލް މަރުވެއްޖެ
އަމީތާބުގެ "އާނަންދް"ގެ ބަތަލާ ސުމީތާ ސާންޔާލް މަރުވެއްޖެ

ކުރީގެ ވަރަށް ގިނަ ހިންދީ ފިލްމުތަކެއްގައި ބަތަލާގެ ރޯލު އަދާކޮށްފައިވާ ސުމީތާ ސާންޔާލް އިއްޔެ މަރުވެއްޖެ އެވެ.

އަމީތާބު ބައްޗަން އާއި ރާޖޭޝް ކަންނާގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "އާނަންދު"ގެ ވެސް ބަތަލާ ސުމީތާ، 71، މަރުވީ ކަލްކަތާގައި ހުންނަ އޭނާގެ ގޭގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ.

ސުމީތާ މަރުވުމުގެ ހިތާމައިގައި ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް އާއިލާއަށާއި ފޭނުންނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.

ސުމީތާ ވަނީ 50 އަށް ވުރެ ގިނަ ބެންގާލީ ފިލްމު ކުޅެފަ އެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި ގުއްޑީ، މިލީ، އާޝިރްވާދު، މޭރޭ އަޕްނޭ ފަދަ ފިލްމުތައް ހިމެނެ އެވެ.

ދިލިޕް ކުމާރާ އެކު "ސަގީނޯ މަހާޓޯ" ކިޔާ ބެންގާލީ ފިލްމެއްގައި ވެސް ސްމީތާ މަސައްކަތް ކުރި އެވެ.

ސުމީތާ ކައިވެނިކޮށްފައިވަނީ މަޝްހޫރު ފިލްމު އެޑިޓަރެއް ކަމަށްވާ ސުބޯދް ރޯއީ އާ އެވެ. އެ ދެ މީހުންގެ ހުރީ އެންމެ ފިރިހެން ދަރިފުޅެކެވެ.