އުރުދުޣާންއާ ދެކޮޅަށް އިންސާފުގެ ދިގު ހިނގާލުމެއް ބާއްވައިފި
އުރުދުޣާންއާ ދެކޮޅަށް އިންސާފުގެ ދިގު ހިނގާލުމެއް ބާއްވައިފި

އަންކަރާ (ޖުލައި 9) - ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ދެކޮޅަށް 450 ކިލޯ މީޓަރު (280 މޭލު) ގެ ދިގު ހިނގާލުމެއް ބާއްވައިފި އެވެ.

ވެރިރަށް އަންކަރާ އިން ޖޫން 15 ވަނަ ދުވަހު ފެށި ހިނގާލުމުގައި މީހުން ދަނީ އެކި ހިސާބުތަކުން ބައިވެރިވަމުންނެވެ. ހިނގާލުން ނިއްމާލުމަށް ފަހު އިސްތަންބޫލްގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

އިންސާފުގެ ހިނގާލުމުގައި ވަނީ މިދިޔަ އަހަރު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު އެތައް ހާސް ބަޔަކު ވަޒީފާ އިން ވަކިކުރުމާއި އެތައް ބަޔަކު ޖަލުގައި ބަންދުކުރުމާ ދެކޮޅު ހަދައިފަ އެވެ. ބަޣާވާތަށް ފަހު 140،000 މީހުން ވަޒީފާ އިން ވަކިކޮށް 50،000 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ރައީސް އުރުދުޣާން ވަނީ ހިނގާލުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުމަށް ކަމަށް ވިދާޅުވެފަ އެވެ. ހިނގާލުން އިންތިޒާމް ކުރި ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ވަނީ ސިޔާސީ ހަރަކާތަކުން ބޭރުވެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތަށް މަސައްކަތް ކޮށްފައި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ސީއެޗްޕީގެ ލީޑަރު ކަމާލް ކިލިކްޑާރޮގްލޫ މި ހިނގާލުން ފެއްޓެވީ އެ ޕާޓީގެ ޕާލަމެންޓް މެންބަރަކު ހައްޔަރު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ. މެންބަރު ހައްޔަރު ކުރީ ސަރުކާރުގެ ލިޔުންތަކެއް އާއްމުކުރި ކަމަށް ބުނެ އެވެ. ހިނގާލުން ފެއްޓެވުމަށް ފަހު ސީއެޗްޕީގެ ލީޑަރު ވަނީ ކޮންމެ ދުވަހަކު ވެސް 20 ކިލޯ މީޓަރަށް ހިންގަވައިފަ އެވެ.