13 އަހަރަށް ފަހު ރޫނީ އަލުން އެވަޓަން އަށް
13 އަހަރަށް ފަހު ރޫނީ އަލުން އެވަޓަން އަށް

ލިވަޕޫލް (ޖުލައި 9) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ 13 އަހަރަށް ފަހު ކުރީގެ ކްލަބް އެވަޓަން އަށް ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފި އެވެ.

ރޫނީ ހިލޭ އެވަޓަން އަށް ބަދަލުވީ ޔުނައިޓެޑުން އެވަޓަން އަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ 75 މިލިއަން ޕައުންޑަށް ގަތުމުން އެ އެއްބަސްވުމުގެ ތެރެއިންނެވެ.

މިދިޔަ ސީޒަނުގައި ހޯސޭ މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި ފަހުން ރޫނީ އަށް ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. އެހެން ކަމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޫނީ ވަނީ ގަވައިދުން ކުޅެން ފުރުސަތު ލިބޭ ޓީމަކާ ގުޅެން ނިންމައިފަ އެެވެ.

މިހާރު އުމުރުން 31 އަހަރުގެ ރޫނީ އެންމެ ފުރަތަމަ އެވަޓަން އަށް މެޗެއް ކުޅުނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. އެވަޓަން ސީނިއާ ޓީމުން ޒުވާން އުމުރުގައި ފުރުސަތު ހޯދުމުން ގިނަ ކްލަބްތަކެއްގެ ލޯ ރޫނީ އަށް އަމާޒުވި އެވެ.

އެވަޓަން ދޫކޮށް ރޫނީ ޔުނައިޓެޑަށް 2004 ވަނަ ބަދަލުވީ އޭރުގެ އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި 25.6 މިލިއަން ޕައުންޑަށެވެ. ތޭރަ އަހަރަށް ފަހު ޔުނައިޓެޑް ދޫކޮށްލިއިރު އޭނާ އަކީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ ވެސް މެ އެވެ.

ރޫނީ ކުރިން ވެސް ބުނަމުން އައީ ޔުނައިޓެޑް ދޫކޮށްލައިފިނަމަ އޭނާ ދެން ޕްރިމިއާ ލީގު ޓީމަކަށް ކުޅޭނަމަ ދެން ފެންނާނީ އެވަޓަނުން ކަމަށެވެ.

"އެވަޓަން އަށް އަލުން ކުޅެލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މީގެ 13 އަހަރު ކުރިން އަހަރެން މި ޓީމު ދޫކޮށްލީ ކާމިޔާބު ހޯދުމަށް. މިދިޔަ އަހަރު ތަކުގައި އަހަރެން ޔުނައިޓެޑްގައި ދުނިޔޭގެ ހުރިހާ ބޮޑެތި މުބާރާތެއް ކާމިޔާބު ކޮށްފިން. އެ ޓީމުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރުތަކުގައި އަހަރެންގެ ހިއްސާ އޮތުމަކީ އަހަންނަށް ލިބޭ ފަހުރެއް،" ރޫނީ ބުންޏެވެ.

އޭނާ ބުނީ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން މިހާރު އޮތީ ރަނގަޅު ޓްރެކުގައި ކަމަށާއި ކާމިޔާބު ހޯދޭނެ ފެންވަރުގެ ޓީމެއް އެވަޓަން އިން ބިނާކުރަމުން އަންނަ ކަމަށެވެ.

ކޫމަން ބުނީ ރޫނީ އަކީ ކާމިޔާބު ހޯދާފައި ހުރި އެވަޓަން ދަންނަ ކުޅުންތެރިއެއް ކަމަށާއި މިއީ އެ ކްލަބަށް ހުރިހާ ގޮތަކުން ވެސް ލިބުނު ހިތްވަރެއް ކަމަށެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެވަޓަން އިން ވަނީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ހެންރީ އޮންޔެކޫރޫ އާއި މަލާގާ އަށް ކުޅޭ ސްޕެއިނުގެ ޒުވާން ޓީމުގެ ފޯވާޑް ސަންޑްރޯ ރަމިރޭޒާއި އަޔެކްސްގެ ކެޕްޓަން ޑޭވީ ކްލާސެން އާއި ބާންލީ އަށް ކުޅޭ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު މައިކަލް ކީން ގެނެސްފަ އެވެ.