09 ޖުލައި 2017 - 19:00

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި، ޖުމްހޫރީ ޕާޓީގެ މެމްބަރު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ޝާފިއު ދޫކޮށްލަން ކޯޓުން އެންގީ އޭނާއާ ދެކޮޅަށް އިތުރު ހެކި ނެތުމުން ކަމަށް އޭނާގެ ވަކީލު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައިވެ އެވެ.
ޝާފިއު ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފުތާގައި ކުނޫޒުގައި ބޭއްވި ބޮޑު ޖަލްސާ އަށް ފަހު، އެ ސަރަހައްދުންނެވެ.
މަސީހުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ފުލުހުން ކުރަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށެވެ. އަދި އެކަމުގެ ހެކި އެބަހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަނީ ރިޝްވަތުގެ އެއްވެސް މުއާމަލާތެއް އެކަމުގައި ނެތް ކަމަށެވެ.