ޓްރާންސްޕޭރެންސީ ރިވިއު މި ފަހަރު ޔާމީނަށް ޚާއްސަ
ޓްރާންސްޕޭރެންސީ ރިވިއު މި ފަހަރު ޔާމީނަށް ޚާއްސަ

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެމުން އަންނަ ޓްރާންސްޕޭރެންސީ ރިވިއުގެ މި ފަހަރުގެ އަދަދު، މިދިޔަ މެއި މަހު މަރާލާފައިވާ ޔާމީން ރަޝީދަށް ޚާއްސަކޮށް، މިއަދު ނެރެފި އެވެ.

ޓްރާންސްޕޭރެންސީ ރިވިއު މި ފަހަރު ޔާމީނަށް ޚާއްސަ
ޓްރާންސްޕޭރެންސީ ރިވިއު މި ފަހަރު ޔާމީނަށް ޚާއްސަ

ޓްރާންސްޕޭރެންސީ އިން ކޮންމެ ތިން މަހުން އެއް މަހު ނެރެމުންދާ ޓްރާންސްޕޭރެންސީ ރިވިއު އިން ޔާމީނަށް ޚާއްސަ ކުރި އަދަދު ނެރުނީ މިއަދު ހަވީރު ޖޭޒް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ފޮތުގައި ޔާމީނާ ބެހޭ ގޮތުން އޭނާގެ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން ލިޔެފައިވާ ލިޔުންތަކާއި ޔާމީން އޭނާގެ ބްލޮގްގައި ލިޔެފައިވާ ލިޔުންތައް ހިމެނޭނެ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. އެ ފޮތް އެ ޖަމްއިއްޔާގެ އޮފީހުން އާންމުންނަށް ލިބެން ހުންނާނެ އެވެ.

ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް ޑައިރެކްޓާ މަރިޔަމް ޝިއުނާ ވިދާޅުވީ ޔާމީން ވަކާލާތު ކުރަމުން ދިޔަ ކަންކަމަކީ އެ ޖަމްއިއްޔާ އިން އަބަދުވެސް ވަކާލާތު ކުރަމުންދާ ކަންތައްތައް ކަމަށާއި އެ ޖަމްއިއްޔާ އާއި ޔާމީންގެ ވެސް އޮތީ އެއް މަގްސަދެއް ކަމަށެވެ. އެ ފޮތުގެ ސަބަބުން، ޔާމީން ވަކާލާތު ކުރަމުން ދިޔަ ކަންކަން ހާސިލް ކުރަން އިތުރު ބާރެއް އެޅިގެންދާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ޔާމީނަކީ މޮޅު ލިޔުންތެރިއެއް ކަން ފާހަގަކޮށް، ޝިއުނާ ވިދާޅުވީ އޭނާގެ ލިޔުންތަކުގެ ތެރެއިން އެ ފޮތުގައި ހިމަނާނެ ޔާމީންގެ ލިޔުންތައް ކަނޑައެޅުން ވެގެން ދިޔައީ އުނދަގޫ ކަމަކަށް ކަމަށެވެ.

"އިމޯޝަނަލީ ވެސް ވަރަށް އުނދަގޫ ކަމަކަށްވި، އޭގެ ތެރެއިން ކޮން ލިޔުންތަކެއްތޯ މީގައި ހިމަނާނީ. އެހާ ވެސް މާނަ ފުން. ލިޔުންތައް ސެލެކްޓް ކުރުމަކީ ވަރަށް ޗެލެންޖިން ކަމަކަށްވި. މިއިން ކޮންމެ ލިޔުމެއް ކިޔާލީމާ ވެސް ހިތަށް ތަދުވާނެ،" ޔާމީންގެ ބްލޮގްގައި ލިޔެފައިވާ ލިޔުންތަކުގެ ތެރެއިން އެ ފޮތުގައި ހިމަނާފައިވާ ލިޔުންތަކާ ގުޅޭ ގޮތުން ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ޔާމީންގެ މަރުގެ ވާހަކަ ދެއްކުން ހުއްޓުވާލަން ބަޔަކު އެބަ ބޭނުންވެ އެވެ. އެ ޖަމްއިއްޔާގެ ބޭނުމަކީ އެކަން ވިޔަ ނުދީ، ޔާމީނަށް އިންސާފު ލިބޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުނު ގޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ތިން މީހެއްގެ މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރާކަށް ނުފޮނުވަ އެވެ.