އެމެރިކާ އުޅެނީ ނިއުކްލިއާ ހަނގުރާމައަކަށް ކޮރެއާ ގެންދަން
އެމެރިކާ އުޅެނީ ނިއުކްލިއާ ހަނގުރާމައަކަށް ކޮރެއާ ގެންދަން

ޕިއޮންޔޮން (ޖުލައި 9) - އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ބޭއްވި ވަރުގަދަ އަސްކަރީ ތަމްރީނުތަކަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެއާ އިން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ނޯތު ކޮރެއާ އިން ބުނީ އެމެރިކާ އުޅެނީ ކޮރެއާ ޕެނިންސުލާ ހަނގުރާމައެއްގެ ތުންފަތް މައްޗަށް ގެންދަން ކަމަށެވެ.

ނޯތު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓެއް ކުރުމާ ގުޅިގެން އެއަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އާއި ސައުތު ކޮރެއާގެ ބޮން އަޅާ ހަތަރު ބޯޓު ބޭނުންކޮށްގެން ވަނީ އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ. މި ތަމްރީނުތަކުގައި ވަނީ 2،000 ރާތާ (907 ކިލޯ) ގެ އަސްލު ބޮން ބޭނުންކޮށްފަ އެވެ.

ނޯތު ކޮރެއާ ސަރުކާރުގެ ނޫހަކުން ވަނީ އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން މަޝްރަހު އިތުރަށް ހޫނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ގޭސް ސިލިންޑަރަކާ އަލިފާން ކައިރި ނުކުރުމަށް ވަނީ އިންޒާރު ދީފަ އެވެ.

އުތުރު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅިގެން ގައުމުތަކުން ކަންބޮޑުުވުން ވަނީ ފާޅުކޮށްފަ އެވެ. ޚާއްސަކޮށް އެންމެ ފަހުން ޓެސްޓް ކުރި މިސައިލަކީ އެމެރިކާގެ އެލަސްކާއާ ހަމައަށް ފޯރާވަރުގެ ގާބިލްކަން ލިބިގެންވާ މިސައިލެއް ކަމަށް ބައެއް ތަޖްރިބާކާރުން ބުނުމުން އެމެރިކާ އިން ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެމެރިކާގެ މިސައިލް ޑިފެންސް އެޖެންސީން ބުނީ އެލަސްކާގައި ހުރި އެންޓި-ބެލެސްޓިކް މިސައިލް ސިސްޓަމް ވަރަށް އަވަހަށް ޓެސްޓް ކުރާނެ ކަމަށެވެ.