ޖަޕާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ 18 މީހުން މަރުވެއްޖެ
ޖަޕާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ 18 މީހުން މަރުވެއްޖެ

ޓޯކިޔޯ (ޖުލައި 9) - ޖަޕާނަށް ބޯކޮށް ވާރޭ ވެހި އެ ގައުމުގެ އެކި ހިސާބުތަކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 18 މީހުން މަރުވެ 27 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފެންބޮޑުވުމުގެ ސަބަބުން ޖަޕާނުގެ ދެކުނުގެ ހަތަރު ރަށެއްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތައް ހާސް ބަޔަކު ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތަކަށް ބަދަލުކޮށްފަ އެވެ.

ޖަޕާނުގެ ރަސްމީ ޓީވީ އެންއެޗްކޭ އިން ބުނީ ބްރިޖްތައް ވެއްޓި، ފެންބޮޑުވެ ބައެއް މަގުތައް ބަންދުވުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

ކެބިނެޓް ސެކްރެޓަރީ ޔޮޝީދާ ސޫގާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފެންބޮޑުވުމުގައި ގެއްލުނު މީހުން ހޯދުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފެންބޮޑުވުމުގައި ލިބުނު ގެއްލުންތަކުގައި ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ޖަޕާނަށް ދަނީ ބޯކޮށް ވިއްސާރަ ކުރަމުންނެވެ. ބައެއް ހިސާބުތަކުގައި 50 ސެންޓި މީޓަރު (20 އިންޗި) އަށް ފެންބޮޑުވެފައިވާ އިރު ވޭތުވެދިޔަ 72 ގަޑިއިރި ކުރި ވިއްސާރައިގައި ފުކުއޮކާގައި ވަނީ 22 ސެންޓި މީޓަރަށް ފެންބޮޑުވެފަ އެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖީ އެޖެންސީން މިއަދު ބުނީ ބައެއް ހިސާބުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.