މެސީގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ލުއިކޮށްދީފި
މެސީގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ލުއިކޮށްދީފި

ބާސެލޯނާ (ޖުލައި 9) – ޓެކްސް އަށް މަކަރުހެދިކަން ސާބިތުވެ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އަށް ސްޕެއިނުގެ ކޯޓަކުން މިދިޔަ އަހަރު ކުރި 21 މަހުގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ލުއިކޮށްދީފި އެވެ.

ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ޖަލު ހުކުމުގެ މުއްދަތުގެ ކޮންމެ ދުވަހަކަށް 400 ޔޫރޯގެ މަގުން 252،000 ޔޫރޯ ޖޫރިމަނާގެ ގޮތުގައި މެސީ ދައްކަން ޖެހޭ ކަމަށެވެ. މިއީ މުސާރައިގެ ގޮތުގައި މަހަކު 3.3 މިލިއަން ޔޫރޯ ލިބޭ މެސީ އަށް ލިބޭ އާމްދަނީއާ ބަލާއިރު ނިސްބަތުން ކުޑަ ޖޫރިމަނާއެކެވެ.

އެންމެ ފުރަތަމަ ޖަލު ހުކުމެއް އައި ނަމަވެސް މެސީ ޖަލުގައި އެންމެ ދުވަހެއް ވެސް ހޭދަކުރަން ނުޖެހޭނެކަމަށް އޭރު ވެސް ޔަގީންކުރެވިފަ އެވެ. އެއީ ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން، ފުރަތަމަ ފަހަރަށް މިފަދަ ކުށެއް ކުރާ މީހަކަށް ދެ އަހަރަށް ވުރެން މަދު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވޭނެތީ އެވެ.

މެސީ އަދި އޭނާގެ ބައްޕަ ހޮރާސިއޯގެ މައްޗަށް ސާބިތުވީ ކުޑަ އަދަދެއްގެ ޓެކުހެއް ދައްކަން ޖެހޭ އުރުގުއޭ އަދި ބެލިޒާގެ ކުންފުނިތަކެއް މެދުވެރިކޮށް މެސީގެ އިމޭޖް ރައިޓްސް ވިއްކައިގެން ސްޕެއިން ސަރުކާރަށް ޓެކްސް ނުދައްކައި މަކަރު ހެދި ކަމުގެ ކުށެވެ. މެސީ އާއި އޭނާގެ ބައްޕަ ބޭނުންކުރި މި "އުކުޅާ" އެކު 2007-2009 އަށް މެސީ އަށް އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު 4.16 މިލިއަން ޔޫރޯ އިން، ސްޕެއިނަށް ދައުލަތަށް ޓެކްސްގެ ގޮތުގައި އެއްވެސް ވަރެއް ނުދައްކައި ސަލާމަތްވީ އެވެ. އެއީ އެޑިޑާސް އާއި ޕެޕްސީ ކޯލާ އަދި ކުވޭތު ފުޑް ކޮމްޕެނީ ފަދަ ކުންފުނިތަކަށް އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީ އެވެ.