10 ޖުލައި 2017 - 06:28

"ޖައްގާ ޖާސޫސް"ގައި ގޯވިންދާ ކުޅުނު ބައި ފިލްމުން ފޮހެލާފައިވާތީ އެކަމާ ގޯވިންދާ ވަރަށް ހިތްހަމަނުޖެހުމުން ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ބަތަލު ރަންބީރު ކަޕޫރު މާފަށް އެދެފި އެވެ.
ރަންބީރާއި "ޖައްގާ ޖާސޫސް"ގެ މުޅި ޓީމަށް ރުޅިވެރިކަން އަމާޒުކޮށް ގޯވިންދާ ވަނީ ޓްވީޓުކޮށްފަ އެވެ. ބައެއް މީހުންނަށް ގޯވިންދާގެ ޓުވީޓްތަކަކީ ތަންކޮޅެއް ބޮޑު ވަރެއް ކަމަށް ގަބޫލު ކުރެވުނަސް ރަންބީރު ގަބޫލުކުރާ ގޮތުގައި ގޯވިންދާ އާ ދޭތެރޭ ހަގީގަތުގައި ވެސް ކަންތައް ވެފައިވަނީ ވަރަށް ނާއިންސާފުންނެވެ.
މީހެއްގެ ގިނަ ވަގުތުތަކެއް ފިލްމަކަށް ހުސްކޮށް މަސައްކަތްތަކެއް ކޮށްދީފި ނަމަ އެމީހަކަށް ވައުދުވެފައިވާ ކަންތައްތަކެއް ފިލްމު އުފައްދާ ފަރާތުން ވެސް ކޮށްދީ ވައުދު ފުއްދަން ޖެހޭނެކަމަށް ރަންބީރު ގަބޫލު ކުރެ އެވެ. އަދި ޑައިރެކްޓަރު އަނުރާގު ބާސޫ އާ އެކު ރަންބީރު ވެސް މި ކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް އޭނާ ގަބޫލުކުރެ އެވެ.
އިންޑިއަން އެކްސްޕްރެސް އަށް ރަންބީރު ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ގޯވިންދާއާ ދޭތެރޭ ކަންތައް ވެފައިވަނީ ވަރަށް ދެރަ ގޮތަކަށެވެ. ގޯވިންދާގެ ޓްރެކް ފިލްމުން އެއްކޮށް އުނިކޮށްފައިވާ ކަމަށާއި އެއީ އޭނާ އާއި ޑައިރެކްޓަރުގެ ކުށެއް ކަމަށް ރަންބީރު އެއްބަސް ވެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އެމީހުން ފިލްމުގެ މަސައްކަތް ފެށީ ސްކްރިޕްޓް ވެސް ފުރިހަމަ ނުވަނީހެވެ. އެހެންވެ ސްކްރިޕްޓް ފުރިހަމަވީއިރު އެ ކެރެކްޓާ މުޅިން ބަދަލުވުމުގެ ސަބަބުން ކުރިން ކުޅެފައިވާ ބައިތައް ފިލްމުން އެޑިޓްކުރަން ޖެހުނީ އެވެ. އަދި ގޯވިންދާ ކަހަލަ ކުޅަދާނަ އަދި ދުވަސްވީ އެކްޓަރަކަށް މިފަދަ ގޮތަކަށް ކަންތައް ވެގެން ނުވާނެ ކަމަށާއި އޭނާގެ ރޯލަށް އިންސާފުކުރުމުގެ ފުރުސަތު ނުދިނުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށް ވެސް ރަންބީރު ބުންޏެވެ. އެކަމާ އެމީހުން ވަރަށް ހިތާމަކުރާ ކަމަށާއި ނަމަވެސް ފިލްމުން އެ ޓްރެކް މުޅިން އުނި ކުރީ ފިލްމަށް ރަނގަޅަކަށް ކަމަށެވެ. އަދި ގޯވިންދާ އަށް ދިމާވި ގޮތުން އޭނާގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށް ވެސް ރަންބީރު ބުންޏެވެ.
ރަންބީރުގެ ކުރިން "ޖައްގާ ޖާސޫސް"ގެ ޑައިރެކްޓަރު އަނުރާގު ބާސޫ ވެސް ވަނީ މިކަމާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ގޯވިންދާ އެ ފިލްމުގެ މަންޒަރުތަކެއް ޝޫޓް ކޮށްފައި ވެ އެވެ. އަދި ލީކް ވެފައިވާ ފޮޓޯއަކީ ވެސް އޭނާ ކުޅުނު މަންޒަރެއްގެ ފޮޓޯއެކެވެ. ނަމަވެސް ފަހުން ސްކްރިޕްޓަށް އައި ބޮޑު ބަދަލަކާ އެކު އެ ޓްރެކް އުނިކުރަން ޖެހުނީ އެވެ. އަދި ފިލްމުގައި ބައިވެރިވެދިނީ ގޯވިންދާގެ ރަނގަޅުކަމުން ކުރި ކަމެއް ކަމަށް ވެސް އަނުރާގު ބުންޏެވެ.
މި ފިލްމުގައި ގޯވިންދާ ކުޅެން ހަމަޖެހިފައި އޮތީ މެހެމާނެއްގެ ރޯލެވެ. ގޯވިންދާ ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިންއަށް އޭނާ ސައުތު އެފްރިކާއަށް ދިޔައީ ވަރަށް ބަލިވެ އުޅެމުންނެވެ. އަދި އެގްރިމެންޓެއް، ސްކްރިޕްޓެއް ނެތި އޭނާ ކުޅެދިން މަންޒަރުތައް ކަނޑާލުމުން ވަރަށް ހިތްހަމަނުޖެހިފައިވާ ކަމަށް ގޯވިންދާ ކުރި ޓުވީޓްތަކެއްގައި ބުނެފައިވެ އެވެ.