ފަލަސްތީނަށް އޮތް ތާއިދު ހާމަކުރަން މުސްލިމް ޒުވާނުން ތުރުކީ އަށް
ފަލަސްތީނަށް އޮތް ތާއިދު ހާމަކުރަން މުސްލިމް ޒުވާނުން ތުރުކީ އަށް

އިސްތަންބޫލް (ޖުލައި 9) - ފަލަސްތީނު މީހުންނަށް ތާއީދު އޮތްކަން ހާމަކޮށް ދިނުމުގެ ގޮތުން ދުނިޔޭގެ 30 ގައުމެއްގެ މުސްލިމް ޒުވާނުން ތުރުކީގެ އިސްތަންބޫލް އަށް ޖަމާވެއްޖެ އެވެ.

ފަލަސްތީނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެ ދުވަހުގެ މުއްދަތަށް އިސްތަންބޫލްގައި ބޭއްވި ބައްދަލުވުން އިންތިޒާމް ކުރީ ތުރުކީގެ އެނަދުލޫ ޔޫތު އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ކޯލީޝަން އޮފް ޔޫތު އެންޑް ސްޓަޑީޒް ޔޫނިއަން ޓު ސަޕޯޓް ޕަލަސްތީން އިންނެވެ.

"މިއީ މި ބައްދަލުވުން އިންތިޒާމް ކުރާ ދެ ވަނަ ފަހަރު. ބައްދަލުވުމުގެ އެޖެންޑާގެ ކުރީގައި އޮންނާނީ ފަލަސްތީން، އަލް ގުދުސް އަދި އަލް އަގްސާ މިސްކިތުގެ މައްސަލަ،" ބައްދަލުވުން ހުޅުވުމުގެ ގޮތުން އަނަދުލޫ ޔޫތު އެސޯސިއޭޝަންގެ ރައީސް ސޯލިހު ތުރާން ވިދާޅުވި އެވެ. "މި ބައްދަލުވުމުގައި މުސްލިމް ދުނިޔޭގެ އެންމެން ތަމްސީލް ކުރާނެ."

އިންޓަނޭޝަނަލް ކޯލީޝަން އޮފް ޔޫތުގެ ރައީސް އިހާބު ނާފީ ވިދާޅުވީ ބައްދަލުވުމުގެ ބޭނުމަކީ ފަލަސްތީނުން ތަހައްމަލް ކުރާ އުނދަގޫތައް މުސްލިމުންގެ ހިތްތަކަށް އިހްސާސް ކުރުވުން ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ އަކީ ކޮންމެ މުސްލިމެއްގެ ވެސް ކޮންމެ ދުވަހެއްގެ އެޖެންޑާގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްލިމް ޒުވާނުންގެ ބައްދަލުވުން މިފަހަރު ތުރުކީގައި ބާއްވަން ނިންމީ ފަލަސްތީނުގެ ދިފާއުގައި ތުރުކީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ފެބްރުއަރީ މަހު ތުރުކީން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ފަލަސްތީނުގެ 5،000 މީހުން ބައިވެރިކޮށްގެން އިސްތަންބޫލްގައި ބޮޑު ބައްދަލުވުމެއް ބާއްވައިފަ އެވެ.

ދެކުނު އެފްރިކާގެ ޔޫތު ފޯ އަލް ގުދުސްގެ އަންހެނުން ގޮފީގެ މެންބަރެއް ކަމަށްވާ އަމީނާ ބްރޭދާ ބުނީ އޭނާ ބައްދަލުވުމުގައި ބައިވެރިވީ ފަލަސްތީނާ މެދު މުސްލިމެއްގެ ހައިސިއްޔަތުން އުފެދިފައިވާ ލޯތްބެއްގެ ސަބަބުން ކަމަށެވެ.

ބަންގްލަދޭޝްގެ ދަރިވަރެއް ކަމަށްވާ އައްމާރު ހުސައިން ބުނީ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ފަލަސްތީނާ މެދު މުސްލިމް ޒުވާނުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިޒްރޭލުން ހިފީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގަ އެވެ.

އަލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާ އެވެ. ޔަހޫދީން ބުނަނީ ޓެމްޕަލް މައުންޓަކީ އެންމެ ގަދީމީ ޒަމާނުއްސުރެ ޔަހޫދީންގެ ފައްޅިއެއް ކަމަށެވެ.