ބެޓެރީ ލައްވަން ނުޖެހޭ ފޯނެއް އީޖާދުކޮށްފި
ބެޓެރީ ލައްވަން ނުޖެހޭ ފޯނެއް އީޖާދުކޮށްފި

މޯބައިލް ފޯނަށް ހުރިހާ ކަމެއް ބަރޯސާވެގެން ދިޔައިރު އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ މާ އަވަހަށް ބެޓެރީގެ ބާރު ހުސްވުމެވެ. އެހެންވެ މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ސައިންސްވެރިން ބުނަނީ ބެޓެރީއެއް ބޭނުން ނުކޮށް މަސައްކަތްކުރާ ފޯނެއް އުފައްދާފައިވާ ކަމަށެވެ. މި ފޯނު މަސައްކަތްކުރަނީ ފޯނުގެ މާހައުލުން ލިބޭ ރޭޑިއޯ ސިގްނަލް އާއި އަލިން އުފައްދާ ހަކަތަ އެވެ. އަދި އޭގައި ހިމަނާފައިވާ ހަނޑޫ ފުކެއް ވަރުގެ ސޯލާ ސެލްއަށް ބާރު ލިބި ބޭސް ސްޓޭޝަނަށް ސިގްނަލް ފޮނުވާނެ އެވެ.

ވަރަށް އާދައިގެ ކޮމްޕޮނެންޓްތައް ބޭނުންކޮށް ވަރަށް ކުޑަ ސައިޒެއްގައި މި ފޯނު އުފެއްދުމުގައި ސައިންސްވެރިން ވަނީ ކާމިޔާބު ހޯދައިފަ އެވެ. އަދި އެންމެ ހާއްސަ ކަމަކީ ވަރަށް ކުޑަ މިންވަރެއްގެ ހަކަތައިން މި ފޯނު ހިންގައި ސިގްނަލް ފޮނުވައިދޭތީ އެވެ. މި މަސައްކަތް ކުރަނީ 50 ފޫޓް ދުރުގައި ހުންނަ ބޭސް ސްޓޭޝަނަކަށް ފޮނުވާ ސިގްނަލެއްގެ އެހީގަ އެވެ.

މި ފޯނުގެ ސެޓަޕް ބޭނުންކޮށްގެން ރިސާޗަރުން ވަނީ ސްކައިޕް ބޭނުންކޮށްގެން ވީޑިއޯ ކޯލްކޮށް އަދި ކޯލްތައް ހޯލްޑަށް ލުން ފަދަ ކަންކަން ކޮށްފަ އެވެ. މި އީޖާދުކުރި ޓީމުން ބުނީ އުންމީދަކީ ވީޑިއޯ ކޯލް ކުރެވޭނެ ފެންވަރަށް އަދި ކޯލްތައް އެންކްރިޕްޓް ކުރެވޭ މިންވަރަށް މި ޓެކްނޮލޮޖީ ތަރައްގީކުރުން ކަމަށެވެ.

"ސެލް ޓަވަރުތައް ނުވަތަ ވައިފައި ރައުޓަރުތައް ބޭސް ސްޓޭޝަން ޓެކްނޮލޮޖީއާ އެކު އަންނަ ނަމަ އަދި އޭގެ ރައުޓަރުތައް ގޭގައި ހުންނަ ނަމަ ފޯނަށް ބެޓެރީއެއް ބޭނުމެއް ނުވާނެ،" ދިރާސާގައި އިސްކޮށް ހުރި ވަމްސީ ޓޯލް ވިދާޅުވި އެވެ.