23 ޖޫން 2016 - 15:18

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ރަންވޭ އަޅަން ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ޔޮޓްތަކާއި އުޅަނދުފަހަރު ނެގުމަށް މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު އަންގައިފި އެވެ.

އެމްއޭސީއެލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސީޕްލޭންތައް ޖައްސާ ސަރަހައްދުގެ އުތުރުން އުޅަނދުތައް އަޅާފައި އޮންނަ ސަރަހައްދު އަންނަ ޖުލައި މަހު ހިއްކަން ފަށާތީ އެ ސަރަހައްދު ހުސް ކުރެވެން އަންނަނީ އުޅަނދުތަކުގެ ވެރިންގެ އެއްބާރުލުމާއެކު ކަމަށެވެ. އެހެންވެ އަންނަ ޖުލައި 10ގެ ކުރިން އުޅަނދުތައް އެ ތަނުން ނެގުމަށް ވެސް އިއުލާނުގައިވެ އެވެ.
ސީޕްލޭން ޖައްސާ ސަރަހައްދުގެ އުތުރުން އޮންނަ ބައިގައި އަޅާފައި އޮންނަ ޔޮޓުތަކާއި އުޅަނދުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިންގުމަށް މެދުވެރިވާ ކަމަށް ވެސް މި އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އައިއެންއައިއޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސީޕްލޭން ސަރަހައްދު ބަންދު ކުރުމުގެ މަސައްކަތް މި މަހު ފަހުކޮޅު ފަށާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
"މި މަސައްކަތް ފެށެން އަންނަނީ މި ސަރަހައްދުގައި އަޅާފައި ހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު ނަގައި އެތަން ހުސްކުރުމުން،" ކަމަށް އެމްއޭސީއެލްގެ އިއުލާނުގައިވެ އެވެ.