09 ޖުލައި 2017 - 10:28

ލޮސް އެންޖެލްސް (ޖުލައި 9) – މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތުގައި ހުރި ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެމެރިކާގެ ލޮސް އެންޖެލްސްގައި ޗުއްޓީ ހޭދަކުރަމުން އައި ގޭގައި މާ އަޑުގަދަކޮށް ޕާޓީކުރުމުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ލޮސް އެންޖެލްސްގެ ބެވަލީ ހިލްސްގައި ލުކާކޫ އާއި މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ޗުއްޓީ ހޭދަކުރަމުން އައީ ގެޔެއް ހިފައިގެންނެވެ. އެކަމަކު އަޑުގަދަވި ޕާޓީގައި ޕޮގްބާ ބައިވެރިކަމެއް ނޭގެ އެވެ.
ހޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ދިރިއުޅޭ ބެވަލީ ހިލްސްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 2 ވަނަ ދުވަހު ލުކާކޫގެ ގެއިން އަޑުގަދަވުމުގެ ޝަކުތާތަކެއް ގިނަ ބަޔަކު ކުރުމުން އޭނާ ހައްޔަރުކުރި ކަމަށެވެ. އެކަމަކު އާދައިގެ ކުށްތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، ކޯޓަށް ހާޒިރުވާން އެންގުމަށް ފަހު އޭނާ ވަނީ ވަގުތުން ދޫކޮށްލައިފަ އެވެ.
ލޮސް އެންޖެލްސްގެ އެއާޕޯޓް ކޯޓްހައުސް އަށް އޮކްޓޯބަރު 2 ވަނަ ދުވަހު ލުކާކޫ ހާޒިރުވާން އަންގާފައިވީ ނަމަވެސް ސީދާ އޭނާ ނުދިޔަސް ފަރުޖެހޭނެ ކަމަށް ބެލެވެ އެވެ. އަދި އޭނާ އަށް ދޭނެ އަދަބަކީ ކުޑަ ވަރެއްގެ ޖޫރިމަނާއެއް ކަމަށް ވެސް ލަފާކުރެވެ އެވެ.
މިކަންތައްގަނޑު އިއްޔެ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއިރު މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލުކާކޫ ގަތުމަށް އެވަޓަންއާ އެކު 85.5 މިލިއަން ޔޫރޯ އަށް އެއްބަސްވެފަ އެވެ. އޭނާގެ ކުރީގެ ކްލަބް ޗެލްސީން ވެސް ވަނީ މިވަރުގެ އަދަދެއް ހުށަހަޅައިފަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ލުކާކޫ އިހުތިޔާރުކުރީ ޔުނައިޓެޑެވެ.
ލުކާކޫގެ އޭޖެންޓަކީ ޕޮގްބާގެ ވެސް އޭޖެންޓް މިނޯ ރައިއޯލާ އެވެ. ބެލެވޭ ގޮތުގައި އެމެރިކާގައި މެޑިކަލް ޓެސްޓް ހެދުމަށް ފަހު ލުކާކޫ ޔުނައިޓެޑުގެ އެމެރިކާ ޓުއާގައި އެ ކްލަބާ ގުޅޭނެ އެވެ.