09 ޖުލައި 2017 - 10:31

ކުވޭތު ސިޓީ (ޖުލައި 9) - ގަތަރަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަރަބި ގައުމުތަކަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ގޮވާލައްވައިފި އެވެ.
ޖޯންސަން އިއްޔެ ވަނީ ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު އަދާ ކުރާ ކުވޭތަށް ވަޑައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް ސަބާހު ޚާލިދު އަލް ސަބާހާ ބައްދަލު ކުރައްވައިފަ އެވެ. އަދި ގަތަރަށް ވެސް ޖޯންސަން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
"މީހުން ދެކެން ބޭނުން ވަނީ މެދުއިރުމަތިން ޓެރަރިޒަމަށް ފަންޑުކުރާ މިންވަރު ހުއްޓުވުމާއި ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާ މަންޒަރު،" ކުވޭތުން އަދާކުރާ ރޯލަށް ތައުރީފް ކުރައްވަމުން ޖޯންސަން ވިދާޅުވި އެވެ.
ޖޯންސަން ހުކުރު ދުވަހު ވަނީ ސައުދީ އަރަބިއާ އަށް ވެސް ވަޑައިގެންފަ އެވެ. ގަތަރާ އެކު މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް އަސްކަރީ ކުރިމަތިލުމަކަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އިސްކޮށް އުޅެނީ ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް މި ހަތަރު ގައުމުން ޖޫން 22 ވަނަ ދުވަހު ވަނީ 13 ޝަރުތެއް ގަތަރަށް ހުށަހަޅައިފަ އެވެ. ގަތަރުން ވަނީ މިއީ އަމަލީ ގޮތުން ފުރިހަމަ ކުރެވޭނެ ޝަރުތުތަކެއް ނޫން ކަމަށް ބުނެފަ އެވެ.
ގަތަރު މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުވޭތުން ވަނީ ޖަރުމަނާއި އޮމާންގެ ޚާރިޖީ ވަޒީރުންނާ އެކު މަޝްވަރާ ކޮށްފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން މާދަމާ ކުވޭތަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.