09 ޖުލައި 2017 - 10:03

ބެއިޖިން، ޗައިނާ (ޖުލައި 9) - ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާ ކަމަށް ޗައިނާގެ ސުޕަ ލީގުގެ ކްލަބް ގުއަންޒޫ އެވަގްރާންޑޭ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ ބުނެފި އެވެ.
ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ގެނައުމަށެވެ. ވެރާޓީ ބާސެލޯނާ އަށް ބަދަލުވާން ފުރަތަމަ ބޭނުންވި ނަމަވެސް ފަހުން ޕީއެސްޖީން އެކަމަށް ދެކޮޅު ހެދުމުން އޭނާ މިހާރު ނިންމާފައިވަނީ އެ ޓީމުގައި މަޑުކުރުމަށެވެ.
ވެރާޓީ ލިބޭނެ ކަމުގެ ޔަގީންކަން ކުޑަވުމުން ބާސެލޯނާ އިން މިހާރު އަމާޒު ހިފާފައިވަނީ ޕައުލީނިއޯ ގެނައުމަށެވެ. ކުރިން ޓޮޓެންހަމަށް ވެސް ކުޅުނު ޕައުލީނިއޯ ގަންނަން މިދިޔަ ހަފްތާގައި ބާސެލޯނާ އިން ވަނީ 20 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ.
"އަހަރެންނަށް އެނގޭ ބާސެލޯނާ އިން އަހަންނަށް ޝައުގުވެރިވާކަން. އަދި 20 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ވެސް އެބައޮތް. އަހަރެންގެ އޭޖެންޓް ދަނީ ކްލަބާ ވާހަކަ ދައްކަމުން. ވަރަށް އަވަހަށް ގޮތެއް ނިންމޭނެ،" ޕައުލީނިއޯ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ވަރުގަދަ ކްލަބް ކަމަށާއި އެ ޓީމަށް ކުޅުމަށް ލިބޭ ފުރުސަތު ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ވަނީ ޕައުލީނިއޯ އަށް އެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވެވޭނެ ކަމަށް ބުނެފަ އެވެ.
"ޕައުލީނިއޯ އަކީ ބްރެޒިލް ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއް. އޭނާ އެ ކުޅުން ބާސެލޯނާގައި ތަކުރާރު ކޮށްފިނަމަ މި ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއަކަށް ވެވޭނެ،" ނޭމާ ބުންޏެވެ.
ޕައުލީނިއޯ ގުއަންޒޫ އަށް 2015 ވަނަ އަހަރު ބަދަލުވީ 14 މިލިއަން ޔޫރޯ އަށެވެ. މި އަހަރުގެ ޖެނުއަރީ މަހުގައި އުމުރުން 28 އަހަރުގެ ޕައުލީނިއޯ ވަނީ 2020ގެ ނިޔަލަށް ގުއަންޒޫގައި މަޑުކުރަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕައުލީނިއޯ ވިއްކާލަން ގުއަންޒޫ އިން ބޭނުންވަނީ 30 މިިލިއަން ޔޫރޯ އަށެވެ.