ކެރިއަރު ބަދަލުވީ ލިވަޕޫލަށް ބަދަލުވި ހިސާބުން: ސުއަރޭޒް
ކެރިއަރު ބަދަލުވީ ލިވަޕޫލަށް ބަދަލުވި ހިސާބުން: ސުއަރޭޒް

ލިވަޕޫލް (ޖުލައި 9) - ފުޓްބޯޅަ ކެރިއަރު ބަދަލުވީ އަޔަކްސް ދޫކޮށް ލިވަޕޫލަށް ބަދަލުވި ހިސާބުން ކަމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

މިހާރު ބާސެލޯނާ އަށް ކުޅެމުން އަންނަ ސުއަރޭޒް ވަނީ 2011 އިން 2014 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލަށް ކުޅެފަ އެވެ. އަދި އެ ޓީމަށް ކުޅެދިން 133 މެޗުން 82 ލަނޑު ކާމިޔާބުކުރި އެވެ. ސުއަރޭޒް ބުނީ ލިވަޕޫލަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އަހަރެން ކުޑައިރު ލިވަޕޫލަކީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބް. އެ ފަދަ މުޅި ދުނިޔެއަށް މަޝްހޫރު ޓީމަކުން އަހަންނަށް ހުށަހެޅުން ލިބުމާ އެކު އަަހަރެން ދެން އިތުރަށް ވިސްނާކަށް ބޭނުމެއް ނުވި. ލިވަޕޫލަށް ކުޅުމަކީ އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވުން،" އުމުުރުން 30 އަހަރުގެ ސުއަރޭޒް ބުންޏެވެ.

ލިވަޕޫލަށް ކުޅުނުއިރު އެކި ފަހަރު މަތިން ސުއަރޭޒަށް ވަނީ ބޮޑެތި ސަސްޕެންޝަންތަކެއް އައިސްފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޕެކްޓްރިސް އެވްރާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ އާއި ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ގައިގައި ދަތް އެޅުމުން ދިން އަދަބު ހިމެނެ އެެވެ.

ސުއަރޭޒް ބުނީ ލިވަޕޫލްގައި ހުރެ އޭނާ އަށް ކުރިމަތިވި ކަންތައްތަކުން ފިލާވަޅުތަކެއް ލިބިގެންދިޔަ ކަމަށެވެ.

"އަހަރެންނަކީ ވަރަށް ގޯސް މީހެއްގެ ގޮތުގައި މީޑިއާ އިން ލޭބަލްކުރި. އެކަމަކު އިންގްލެންޑުގައި ދިމާވި ކަންތައްތަކުން އަހަރެންނަށް ހަގީގަތުގައި ރަނގަޅު ފިލާވަޅެއް ލިބުނު،" ސުއަރޭޒް ބުންޏެވެ.

އޭނާ ބުނީ ކެރިއަރުގެ ބާކީ ބައިގައި ބޭނުންވަނީ މިހާރުގެ ކްލަބް ބާސެލޯނާ އަށް ކުޅެން ކަމަށާއި އެހެން ނަމަވެސް އިތުރު ކްލަބަކަށް ބަދަލުވާނަމަ ފެނުން އެންމެ ގާތީ ކެރިއަރުގައި ފުރަތަމަ ކުޅުނު އުރުގުއޭގެ ނަސިއޮނާލް އިން ކަމަށެވެ.

ސުއަރޭޒް ސީނިއާ ކެރިއަރު ފެށީ 2005 ވަނަ އަހަރު ނަސިއޮނާލް އިންނެވެ. އޭނާ ޔޫރަޕުގައި ފުރަތަމަ ކުޅުނު ކްލަބަކީ ނެދަލެންޑްސްގެ ގްރޮނިންގެން އަށެވެ. އެ ޓީމަށް 2006 ވަނަ އަހަރު ކުޅުމަށް ފަހު ސުއަރޭޒް ވަނީ ޖެހިގެން އައި އަހަރު އަޔަކްސް އަށް ބަދަލުވެފަ އެވެ. އެ ޓީމަށް ހަތަރު އަހަރު ކުޅުމަށް ފަހު ދެން އޭނާ ފެނުނީ ލިވަޕޫލުންނެވެ.